22 Apr 2011, 09:51
ޕެރިސް : ހެޔޮއެދޭ ފަރާތެއްގެ ކިބައިން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރުގެ ޝިޕްމަންޓެއް ލިބިފައިވާ ކަމަށް ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ އަބްދުލްޖަލީލު ވިދާޅުވެއްޖެވެ.
ފަރަންސޭސި ރައީް ނިކޮލައި ސަރކޯޒީ އާ ޕެރިހުގައި ބައްދަލުކުރެއްވުމަށްފަހު ޢަބްދުލްޖަލީލު ވިދާޅުވީ ގައްޒާފީގެ އަނިޔާވެރިކަމުން ލީބިޔާގެ ރައްޔިތުން ސަލާމަތް ކުރުމަށާއި ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށްޓަކައި އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ލިބުމަކީ ކޮންމެހެން ބޭނުން ކަމެއްކަމުގައެވެ.
ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ވަނީ ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ނޭޓޯއިން ދޭ ވައިގެ ޙަމަލާތައް އިތުރުކުރާނެކަމުގެ ޔަގީންކަން ޢަބްދުލްޖަލީލަށް ދެއްވާފައެވެ. ފަރަންސޭސިވިލާތާއި އިޓަލީންވަނީ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ޢަސްކަރީ ލަފައާއި އިރުޝާދު ދިނުމަށްޓަކައި ޢަސްކަރީ ތަޖްރިބާކާރުން ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތަކަށް ފޮނުވުމަށް ނިންމާފައެވެ.
އިނގިރޭސިވިލާތުންވަނީ މިފިޔަވަޅު އެޅުމަށް ނިންމިކަން މީގެ ދެދުވަސްކުރިން ހާމަކޮށްފައެވެ. އަނެއްކޮޅުން ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންވަނީ އަޖްދާބިޔާއިން ގައްޒާފީގެ ބާރުތައް މުޅިން ފައްސާލައި މިސްރާތާއާއި އެހެން ރައްތަކުގައި ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
މިސްރާތާގައި އިދިކޮޅު ފަރާތްތަކުން ޖަހާފައިވާ ދަންތުރައެއްގައި ޖެހިގެން ގައްޒާފީގެ ބާރުތަކުގެ ސަތޭކައަށްވުރެ ގިނަ ސިފައިން މަރާލެވުނުކަން އިދިކޮޅު ހަނގުރާމަވެރިން އިއްޔެވަނީ ހާމަކޮށްފައެވެ. -- އަލްޖަޒީރާ/ ޖަވާދު