13 Feb 2016, 10:52
ރާއްޖޭގެ މިނިސްޓަރުންގެ ވަފުދެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާއާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ބުނީ ބުރާސްފަތި ދުވަހު ޝަރުމާއާ ބައްދަލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއާއި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޢަލީ ޚާލިދު ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު އަޙުމަދު ޝިއާންއާއި ޑެޕިއުޓީ ހައިކޮމިޝަނަރު ޙަސަން ޝިފާއު ވެސް އެ ބޭފުޅުންނާ އެކު ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ.
ސަރުކާރުގެ ވަފުދުން ޝަރުމާއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން މައުލޫމާތު ދެއްވި އެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްވަފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެން އުޅުއްވާ އުޅުއްވުމާ ބެހޭ ގޮތުން ވެސް މައުލޫމާތު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝަރުމާއާ އެކު މިނިސްޓަރުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ވަފުދެއް ދާދި ފަހުން ރާއްޖެ އަށް ކުރެއްވި ޒިޔާރަތް ހިމެނެ އެވެ. އެ ދަތުރުފުޅުގެ ސަބަބުން ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ އަގު އިތުރަށް އުފުލިފައިވާ ކަމަށް މިނިސްޓަރުންގެ ވަފުދާއި ޝަރުމާ ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.