މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ބޮލީވުޑްގައި ބޮޑެތި ފިލްމުތަކެއް ރިލީޒު ކުރެވޭނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޝާހުރިކް ޚާންގެ ފިލްމު "ރައީސް" އާއި ސަލްމާން ހާންގެ ފިލްމު "ސުލްތާން" ފާހަގަ ކޮށްލެވެ އެވެ.

އެ ދެ ފިލްމު ވެސް ރިލީޒު ކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ އަންނަ ޖުލައި މަހު ގަ އެވެ. އެގޮތުން "ރައީސް" ރިލީސް ކުރަން ހަމަޖެހިފައި އޮތީ ޖުލައި ތިން ވަނަ ދުވަހު އެވެ. "ސުލްތާން" ރިލީސް ކުރަން ހަމަޖެހިފައި އޮތީ ޖުލައި އަށް ވަނަ ދުވަހު އެވެ.

ކޮންމެ އަކަސް އެ ދެ ފިލްމު ރިލީސް ކުރުން އޮތީ އެއް ދުވަސްކޮޅެއްގަ އެވެ. ދާދި ކައިރި ކައިރިންނެވެ. އެހެންކަމުން އެ ދެ ފިލްމަށް ލިބެންވާ ވަރަށް ކާމިޔާބީ ނުލިބިދާނެތީ ގިނަ ބަޔަކު ތިބީ އެކަމާ ހާސްވެ ކަންބޮޑު ވެފަ އެވެ.

އެހެންނަމަވެސް، ޝާހުގެ ފިލްމު "ރައީސް" ރިލީސް ކުރުން މިހާރު އެ ވަނީ ފަސް ކޮށްފަ އެވެ. އެކަމުގެ ފަހަތުގައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ޝާހުގެ "ދިލްވާލޭ" ކަމުގައި ވެސް ވެދާނެ އެވެ.

އެ ފިލްމު ވެސް ރިލީސް ކޮށްފައި ވަނީ ދީޕިކާ އާއި ރަންވީރުގެ "ބާޖީ ރާޢޯ މަސްތާނީ" އާ އެެއް ދުވަހެއްގަ އެވެ. އެހެންވުމުން ޝާހުމެން އުއްމީދު ކުރި ވަރުގެ ކާމިޔާބީއެއް "ދިލްވާލޭ" އަކަށް ނުލިބުނެވެ.