ދުޅަހެޔޮ ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ދަނޑުތަކަށް ގެއްލުންދޭ ތަފާތު ވައްތަރުގެ ސޫފާ ސޫފިތަކުންނާއި ދިރުންތަކުން އެތަންތަން ރައްކާތެރި ކުރަން ޖެހެ އެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާފަތު ވައްތަރުގެ ބޭހާއި ކެމިކަލް ބޭނުން ކުރެ އެވެ.

ނަތީޖާއެއްގެ ގޮތުން ގައުމުތަކަށް އެކްސްޕޯޓުކޮށް އިމްޕޯޓުކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ ބޭހާއި ކެމިކަލްގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އެއްޗިއްސެވެ. އެހެންކަމުން މޭވާ އާއި ތަރުކާރީ ބޭނުން ކުރުމުގައި ރަނގަޅަށް ދޮވެ ސާފު ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެ އެވެ.

ތޮށި މެށުން

ބައެއް މޭވާ އާއި ތަރުކާރީގައި އެކުލެވެނީ ވަރަށް ތުނި ތޮށި ގަނޑެކެވެ. އެހެންކަމުން ބޭހާއި ކެމިކަލްތަކުން ސަލާމަތްވުމަށް މޭވާގެ ތޮށި މަށާށެވެ. އަދި ފެންފޮދަކުން ދޮންނަން ވެސް ހަނދާން ކުރާށެވެ.

މިސާލަކަށް، އޮރެންޖު، އާފަލު، އެވޮކާޑޯ، ޓޮމާޓޯ އަލުވި ބީޓު އަދި ފިޔާ ފަދަ މޭވާ އާއި ތަރުކާރީގެ އަކީ ވަރަށް ފަސޭހަކަމާ އެކު ތޮށި މަށައިގެން ބޭނުން ކުރެވިދާނެ އެެއްޗިއްސެވެ.

ރީތި ފެންފޮދަކުން ދޮވެލުން

ފަސޭހައިން ތޮށި ނުމެށޭ މޭވާ އާއި ތަރުކާރީ ރީތި ފެންފޮދަކުން ދޮންނާށެވެ. އެހެންނަމަވެސް ހަނދާން ބަހައްޓާށެވެ. ހޫނު ފެނުން ނުދޮންނާށެވެ. ސަބަބަކީ މޭވާ އާއި ތަރުކާރީގައި ހުންނަ ކެމިކަލްތައް ފިލުވުމަށް އެންމެ ރަނގަޅީ ރީތި ފެން ކަމުގައި ވާތީ އެވެ.

ތެތް ފޮތިކޮޅަކުން ސާފު ކުރުން

މޭވާ އާއި ތަރުކާރީ ރީތި ފެންފޮދަކުން ދޮވުމަށް ފަހު، ތެތް ފޮތިކޮޅަކުން ސާފު ކުރާށެވެ. މޭވާގައި ހުންނަ ހަޑި ފިލުވުމަށް ފަސޭހަ ވާނެ އެވެ.

ލޮނު ފެނުން ދޮވުން

ލޮނުފެނުން ވެސް މޭވާ އާއި ތަރުކާރީ ދޮވެވިދާނެ އެވެ. އެގޮތުން ތަށްޓަކަށް ފެން އެޅުމަށް ފަހު ލޮނުކޮޅެއް ފެނާ އެއްކޮށްލާށެވެ. އަދި އެއަށް ފަހު ތަރުކާރީ އާއި މޭވާ އެ ފެންކޮޅުން ދޮންނާށެވެ. އެއަށް ފަހު ރީތި ސާފު ފެންކޮޅަކުން ވެސް ދޮވެލާށެވެ.

ވިނެގާ ވެސް ބޭނުން ކުރެވިދާނެ

ފެންކޮޅަކަށް ވިނެގާ ސަމްސަލެއް އެއްކޮށްލާށެވެ. އަދި މޭވާ އާއި ތަރުކާރީކޮޅު އެ ފެންކޮޅުން ދޮވެލާށެވެ. އެއަށް ފަހު ރީތި ފެންފޮދަކުން ވެސް ދޮވެލާށެވެ. އޭގެ ސަބަބުން މޭވާ އާއި ތަރުކާރީގެ ތޮށިގަނޑުގައި ހުންނަ ތަފާތު ވައްތަރުތަކުގެ ކެމިކަލްތައް ސާފުވެގެންދާނެ އެވެ.