13 Feb 2016, 09:31
މިދިޔަ ގަރުނުގެ ތާރީޚުގައި، މުޅި ދުނިޔޭގައި ވެސް ހިނގި އެންމެ ހިތާމަވެރި އެއް އެކްސިޑެންޓަކީ، އާރުއެމްއެސް ޓައިޓޭނިކް ބޯޓު، އެ ބޯޓުގެ ފުރަތަމަ ދަތުރުގައި، އެޓްލާންޓިކް ކަނޑުގައި އޮތް ބޮޑު ގަނޑުފެން ގަނޑެއްގައި ޖެހި، ބޯޓު އަޑިއަށް ދިޔަ ހާދިސާ އެވެ.
ޓައިޓޭނިކް އަޑިއަށް ދިޔަތާ 100 އަހަރު، 2012 އަށް ފުރުނު އިރު، ޓައިޓޭނިކްގެ ހަނދާންތައް މުޅި ދުނިޔޭގައި ވެސް އެކި ގޮތްގޮތަށް އާ ކުރެވެމުން ދެ އެވެ. އަދި މިއަދާ ހަމައަށް ވެސް އަންނަނީ އެ ހަނދާތައް ކުރެވެމުންނެވެ. ޓައިޓޭނިކްގެ ހަނދާންތައް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ގޮތަކީ، 1997 ވަނަ އަހަރު ލިއޮނާޑޯ ޑި ކެޕްރިއޯއާއި ކޭޓް ވިންސްލެޓް ކުޅުނު ފިލްމު "ޓައިޓޭނިކް" އެވެ.
ނަމަވެސް، މިހާރު ދަނީ ޓައިޓޭނިކްގެ ހަނދާންތައް އާލާކޮށް، ޓައިޓޭނިކްގެ "ލެގަސީ" ދިރުވުމަށް ޓަކައި ވަރަށް ބޮޑު މަސައްކަތެއް ކުރެވެމުންނެވެ. އިނގިރޭސި ވިލާތުގެ ވައިޓް ސްޓާ ލައިންގެ އާރުއެމްއެސް ޓައިޓޭނިކް އަސްލަކަށް ބަލައިގެން، ސީދާ އެ ބޯޓުގެ ފަރުމާތައް ބޭނުންކޮށްގެން، ޓައިޓޭނިކްގެ ދެވަނަ ބޯޓެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޓައިޓޭނިކް 2 ހުންނާނެ ގޮތުގެ ކޮމްޕިއުޓާ ޖެނެރޭޓެޑް އިމޭޖެއް
ޓައިޓޭނިކް 2 ހުންނާނެ ގޮތުގެ ކޮމްޕިއުޓާ ޖެނެރޭޓެޑް އިމޭޖެއްއޮސްޓްރޭލިޔާގެ ވިޔަފާރިވެރިޔާ އަދި ސިޔާސީ ބޭފުޅޭއް ކަމުގައިވާ ކްލައިވް ޕާމަރގެ ބްލޫ ސްޓާ ލައިނުން އުފައްދާ "ޓައިޓޭނިކް 2" ބޯޓުގެ ސައިޒަކީ، އަސްލު ޓައިޓޭނިކްގެ ސައިޒެވެ. ނަމަވެސް އާ ބޯޓުގައި އުފުލާ ފަސިންޖަރުންނާއި ފަޅުވެރިންގެ އަދަދު ގިނަ އެވެ. އަދި ލައިފް ބޯޓު ކެޕޭސިޓީ ވެސް ގިނަ އެވެ. އާ ޓައިޓޭނިކުގެ ދުވެއްޔަކީ ވެސް އަސްލު ޓައިޓޭނިކްގެ ދުވެއްޔެވެ. ނަމަވެސް މި ބޯޓު ތައްޔާރު ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގަ އެވެ.
އާ ޓައިޓޭނިކުގެ ޑެކުތަކާއި، ކޮޓަރިތަކާއި ސިޑިތަކާއި ރެސްޓޯރަންޓްތައް ވެސް ހެދިގެން ދާނީ، އަސްލު ޓައިޓޭނިކުގައި އެތަންތަން ހުރި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެހެވެ.
މި ބޯޓު ހަދަން ފަށާފައިވާ ކަމުގެ މައުލޫމާތެއް މީޑިޔާއަށް ހާމަވެފައި ނުވި ނަމަވެސް، މި ބޯޓު 2018 ގެ ކުރިން ހަދައި ނިމި، އެ އަހަރު ތެރޭގައި ބޯޓުގެ ފުރަތަމަ ދަތުރު ކުރެވޭނެ ކަމަށް ވެ އެވެ.
މަސްދަރު: މެއިލް އޮންލައިން