13 Feb 2016, 09:34
ސީރިޔާގައި އެކި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި ހުރި ހިސާބުތަކާ އެކު، މުޅި ސީރިޔާ އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަރު ވައުދުވެ ވަޑައިގެންފި އެވެ.
އޭއެފްޕީއާއި ވާހަކަ ދައްކަވަމުން ބައްޝާރު ވިދާޅުވީ، ސީރިޔާ ސަރުކާރުގެ އަތުން ބައެއް ސަރަހައްދުތައް ފޭރިގަނެ، އެ ހިސާބުތަކުގައި ބާރު ފޯރުކުރަމުންދާ ފަރާތްތައް ވަގުތުން ވަގުތަށް ބަލި ކުރުމަކީ ނުވެދާނެ ކަމެއް ކަމަށެވެ.
ބައްޝާރު ވިދާޅުވީ އެއްވެސް "ޖެހިލުމެއް ނެތި" ހަނގުރާމަވެރިންގެ ކިބައިން މުޅި ސީރިޔާ އަތުލައި، ސަރުކާރުގެ ދަށަށް ގެންނާނެ ކަމަށާއި، އުނދަގޫ ވަނީ ސަރަހައްދީ "ބާރުގަދަ ޖަމާޢަތްތައް" ހަރަކާތްތެރިވާތީ ކަމަށެވެ.
ސީރިޔާގެ ހަލަބު ކޮންޓްރޯލު ކުރަމުންދާ ހަނގުރާމަވެރިންގެ ޖަމާއަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، ސީރިޔާގެ އަސްކަރިއްޔާއިން ވަނީ ހަލަބަށް ކަރަންޓު ފޯރުކޮށްދޭ ނިޒާމަށް ގެއްލުން ދީފަ އެވެ. ބައްޝާރު އޭއެފްޕީއަށް ވިދާޅުވީ، ތުރުކީ، އިރާނު އަދި އުރުދުންއާ ދިމާލުން ވެސް ހަނގުރާމަވެރިންނަށް ސާމާނު ލިބޭ މަގުތައް ބަންދު ކުރެވިއްޖެ ނަމަ ސީރިޔާގެ ދާޚިލީ މައްސަލަ އަހަރެއްގެ ތެރޭގައި ނިންމައިލެވި، ހަނގުރާމަވެރިން ބަލި ކުރެވޭނެ ކަމަށެވެ.
ސީރިޔާގައި ހަނގުރާމަ ކުރަމުންދާތާ ފަސް އަހަރު ވެފައިވާ އިރު، 11 މިލިޔަން މީހުންގެ ގެދޮރު ގެއްލި، 250،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އދ. އިން ބުނާ ގޮތުގައި، ސީރިޔާގެ 13 މިލިޔަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހި، އިންސާނީ އެހީއަށް ބޭނުން ޖެހިފަ އެވެ.