13 Feb 2016, 11:42
ގާތްގަނޑަކަށް 10 މަހުގެ މެދުކެނޑުމަކަށް ފަހު، މަޝްހޫރު ޓީވީ ޝޯ ގޭމް އޮފް ތްރޯންސް އަނެއްކާ ވެސް އެނބުރި އައުމަށް މި ވަނީ ތައްޔާރު ވެފަ އެވެ.
މިދިޔަ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސީޒަން ފަހެއް ނިމުމާ އެކު، އެޗްބީއޯގެ މި މަގުބޫލު ޓީވީ ސީރީޒް ގަވައިދުން ބަލާ އެތައް ބަޔަކު މިވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެއީ، ސީޒަން ހަޔަކަށެވެ.
ގޭމް އޮފް ތްރޯންސްގެ ސީޒަން ހައެއް، ކުރިޔަށް އޮތް އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެޗްބީއޯ އިން ދައްކަން ފަށާނެކަން އިއުލާނު ކޮށްފައިވާ އިރު، އެޗްބީއޯއިން މިވަނީ، ސީޒަން ހައެއްގެ ބައެއް އެޕިސޯޑުތަކުގެ މަންޒަރުތަކެއްގެ ފޮޓޯ އާންމު ކޮށްފަ އެވެ.
މި ސީރީޒް ބިނާވެފައި އޮންނަ ވާހަކަގެ ލިޔުންތެރިޔާ ޖޯޖް އާރު އާރު މާޓިން ވަނީ، އޭނާ ޝާއިއުކުރަން ހަމަޖެހިފައިވާ ގޭމް އޮފް ތްރޯންސް ސީރީޒްގެ ހަވަނަ ފޮތް "ދަ ވިންޑްސް އޮފް ވިންޓާ" ނެރުން ވެސް ލަސް ކޮށްފަ އެވެ. ސަބަބަކީ، ގޭމް އޮފް ތްރޯންސްގެ ސީޒަން ހަޔަކީ މި ފޮތަށް ބިނާކޮށް ލިޔާ އެއްޗަކަށް ވެފައި، ސީރީޒް ބެލުމުގެ ކުރިން ފޮތް ކިޔައިފި ނަމަ ސީރީޒްގައި ވާނެ ގޮތް ކިޔުންތެރިންނާއި ބެލުންތެރިންނަށް އެނގިދާނެތީ، ބެލުންތރެރިންގެ ކިބައިން ފެންނާނެ "ޝޯޚު" ނިގުޅައި ނުގަތުމަށެވެ.


އެޗްބީއޯއިން އާންމުކުރި ފޮޓޯތަކުން ދައްކާ ގޮތުގައި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ގިނަ ތަރީންތަކެއް ސީޒަން ހައެއްގައި ވެސް ސީރީޒުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އެމީލިއާ ކްލާކުގެ ކެރެކްޓާ ޑެނޭރިސް ޓާގޭރިއަން އާއި، ޕީޓާ ޑިންކްލޭޖުގެ ކެރެކްޓާ ޓިރިއަން ލެނިސްޓާ އާއި، މެއިޒީ ވިލިއަމްސްގެ ކެރެކްޓާ އާރިޔާ ސްޓާކް ހިމެނެ އެވެ.
އެހެން ނަަމވެސް ސީޒަން ފަހެއްގައި މަރުވާ، އަދި ގިނަ ބަޔަކު އޭނާއަށް ތާއީދުކުރާ ކެރެކްޓާ ޖޯން ސްނޯގެ މަންޒަރެއް، އެޗްބީއޯއިން އާންމުކުރި ފޮޓޯތަކުން ފެންނާކަށް ނެތެވެ.