13 Feb 2016, 09:41
ފިނި ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ކުރެވުނު ޑިޕްލޮމެޓިކް ހަނގުރާމައިގެ ތެރޭގައި ކިއުބާއާ ގުޅުން ގޯސްވެ، އެގައުމާއި އެމެރިކާއާ ދެމެދު ގުޅުން ކެނޑިފައި އޮތުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެއާލައިނު ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
ފިނި ހަނގުރާމައިގެ ސަބަބުން އެމެރިކާއާއި ކިއުބާއާ ދެމެދު އޮތް ގުޅުން ގޯސްވެ، އެމެރިކާއިން ކިއުބާއަށް ކުރަމުން އައި ކޮމާޝަލް ފްލައިޓު ދަތުރުތައް ހުއްޓާލިތާ މިހާރު 50 އަށް ވުރެ ގިނަ އަހަރު ވެފައިވާ އިރު، އެއާލައިނުތައް ކިއުބާއަށް ދަތުރުކުރުން ވެސް އޮތީ މުޅިން މަނާކޮށްފަ އެވެ.
އެހެން ނަމަވެސް މިހާރު އެމެރިކާގެ އެއާލައިނުތަކަށް ވަނީ، ކިއުބާއަށް ކޮމާޝަލް ދަތުރުތައް ކުރަން ފަށަން އެދޭ ނަމަ އެކަން އަންގައި ހުޅަހެޅުމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޯޓުން އަންގައިފަ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން، އެމެރިކާ އާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރި އިރު ސޮއި ކުރެވުނު އެއްބަސްވުމެއްގައި، ދެ ގައުމުގެ ދެމެދުގައި ކޮމާޝަލް ފްލައިޓު އޮޕަރޭޓު ކުރަން ފެށުން ހިމެނިފައިވެ އެވެ. މި އެގްރީމެންޓުގެ ދަށުން، ކިއުބާގެ ވެރިކަން ކުރާ ސިޓީ ހަވާނާއަށް ދުވާލަކު 20 ފްލައިޓު، އަދި ކިއުބާގެ އެހެން އެއާޕޯޓުތަކަށް 10 ދަތުރު ދުވާލަކު ކުރަން ޖެހެ އެވެ.
އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން، އެއާލައިނުތައް ކިއުބާއަށް ދަތުރުކުރަން އެދޭ ނަމަ ދަތުރުކުރަން ބޭނުންވާ ވައިގެ މަގުތައް ބަޔާންކޮށް، ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް، ޓްރާންސްޕޯޓު ޑިޕާޓުމެންޓުން ވަނީ ދީފަ އެވެ. އެ ޑިޕާޓުމެންޓުގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާގެ ގިނަ އަދަދެއްގެ އެއާލައިނުތަކުން މިކަމަށް ހުށަހަޅާނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި، އަދި ފްލައިޓުތަކަށް ހުށަހެޅުމުން ރަސްމީ ހުރިހާ ކަމެއް ހަމަޖެހި، މިއަހަރުގެ އޮކްޓޫބަރު މަސް ހާ ތަނުގައި ފްލައިޓުތަކުގެ ދަތުރުތައް ފެށޭނެ ކަމަށެވެ.