22 Apr 2011, 09:42
ތެހެރާން : އެމެރިކާއާއި އިސްރާއީލުގެ ބާރާއި ނުފޫޒުގެ ކަސްތޮޅުތަކުން މިނިވަންވެފައިވާ މުޅިން އާ މެދުއިރުމައްޗެއް އުފެދެމުންދާ ކަމަށް އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ވިދާޅުވެއްޖެވެ.
އީރާނުގެ ކުރުދިސްތާން ސަރަޙައްދުގެ ރަށެއްކަމަށްވާ ސަނަންދާޖްގައި ވާހަކަ ދައްކަވަމުން ނެޖާދް ވިދާޅުވީ އެމެރިކާއާއި އިސްރާއީލުގެ ގޮނޑިކޮށްކޮއިންގެ ގޮތުގައި ތިއްބެވި ޑިކްޓޭޓަރުންނާއި އެމެރިކާގެ ފަރާތުން މަދަދުލިބޭ ޚުދުމުޚްތާރު ނިޒާމްތައް، ރައްޔިތުންގެ އިންޤިލާބުތަކުން ވެއްޓި މުޅިމެދުއިރުމަތި މިނިވަންކަމުގެ އާ ޖައްވަކަށް އަލިވިލެމުންދާ ކަމުގައެވެ.
ނެޖާދް ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ އިސްރާއީލެވެކިޔާ ޔަހޫދީ އިސްތިޢްމާރީ ޣައިރުޤާނޫނީ ދައުލަތެއް ފަލަސްތީނުގެ ބިމުގައި އުފައްދައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ ރައްޔިތުން އަޅުވެތިކޮށްފައިވުން ކަމުގައެވެ. އަދި މެދުއިރުމަތީގެ ރައްޔިތުންގެ އެންމެ ބޮޑު ދުުޝްމަނުންނަކީ އިސްރާއީލާއި އިސްރާއީލު ދެމެހެއްޓުމަށް މަސައްކަތްކުރާ އެމެރިކާ ކަމަށް ވެސް ނެޖާދް ސިފަކުރެއްވިއެވެ.
ނެޖާދްގެ ވާހަކަ ފުޅުގައި، ޢަރަބި ޤައުމުތަކާއި އީރާނާދެމެދު ދޭތެރެ ޖައްސައި ޝިޔަޢީނާއި ސުންނީންގެ މެދުގައިވާ މަޛްހަބީ ތަފާތުތައް ނަގައިގެން ޝިޔަޢިންނާއި ސުންނީންގެ މެދުގައި ފިތްނަ އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކުރެއްވިއެވެ.
އެމެރިކާގެ ގޮނޑިކޮށްކޮއިންގެ ގޮތުގައި ސިފަކުރެވޭ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކާއި ތޫނިސްގެ ރައީސް ޒައިނުލްއާބިދީން ބިންއަލީގެ ޚުދުމުޚްތާރު ނިޒާމްތައް ރައްޔިތުންގެ އުތުރިއެރުންތަކާއެކު ވެއްޓިގެންދިޔުމުން އެމެރިކާގެ ނުފޫޒުގެ ދާއިރާ މެދުއިރުމަތީގައި ހަނިވެ އިސްރާއީލު އިތުރަށް އެކަހެރިވެގެންދާނެ ކަމަށް މުޙަައްލިލުން ސިފަކުރައްވައެވެ.
އެމެިރކާގެ ނުފޫޒުން މިނިވަން ވުމަށްފަހު އީރާނާއި ތޫނިސް އިން ގެންދަނީ އީރާނާ ގުޅުންތައް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އިސްރާއީލުންވަނީ މުބާރަކްގެ ޚުދުމުޚްތާރު ނިޒާމް ވެއްޓުމާގުޅިގެން ކަންބޮޑުވާކަން ހާމަކޮށްފައެވެ. --އަލްޖަޒީރާ، ނޫސްއެޖެންސީތައް