ގްރެވިޓޭޝަނަލް ވޭވްސްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ މީގެ 100 އަހަރު ކުރިން، މަޝްހޫރު ސައިންސްވެރިޔާ އަލްބަރޓް އައިންސްޓައިން އެވެ. ގްރެވިޓޭޝަނަލް ވޭވްސްއަކީ ތަރިއެއް ގޮވާއިރު ނުވަތަ ފުނޑުފުނޑުވެގެންދާ އިރު، ދެ ބްލެކްހޯލް ޖެހުމުން އުފެދޭ ރާޅުބާނިތަކަކެވެ. އެއީ އައިންސްޓައިންގެ ތިއަރީ އެވެ.

އޭގެ ފަހުން ސައިންސްވެރިން ދިޔައީ ގްރެވިޓޭޝަނަލް ވޭވްސްގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އައިންސްޓައިންގެ ތިއަރީއަށް 100 އަހަރުވީ އިރު އެމެރިކާގެ ލީގޯގެ ލެބޯޓްރީގެ ސައިންސްވެރިން މިވަނީ އައިްނސްޓައިންގެ ތިއަރީ އަކީ ރަނގަޅު އެއްޗެއް ކަން ހޯދައިފަ އެވެ.

ގްރެވިޓޭޝަނަލް ވޭވްސް އަކީ އުފެދޭ އެއްޗެއްކަން ހޯދާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ހޯދުމަކީ އެތައް އަހަރަކު އެއްކުރެވުނު މައުލޫމާތުން ހޯދުނު ހޯދުމެކެވެ. އައިންސްޓައިންގެ ތިއަރީއަށް ބާރުދޭ ހެކިތައް ލިބުނު ނަމަވެސް މީގެ ކުރިން ގްރެވިޓޭޝަނަލް ވޭވްސް ހޯދިފައެއް ނުވެ އެވެ.

ގްރެވިޓޭޝަނަލް ވޭވްސް ޑިޓެކްޓް ވެގެންދިޔައީ ލޭޒަރ އިންޓަފެރޯމީޓަރު ގްރެވިޓޭޝަނަލް ވޭވް އޮބްޒަވޭޓަަރީ އިން ނެވެ. އެއީ ވަރަށް ދުރުގައިވާ ގެލެކްސީއެއްގައި ދެ ބްލެކްހޯލް ޖެހުމުން އުފެދުނު ވޭވްތަކެއް ކަމަށްވެ އެވެ.

ގްރެވިޓޭޝަނަލް ވޭވްސް ހޯދުމަކީ އަލީގެ ޒަރީއާއިން ކާއިނާތުގެ ހަގީގަތްތައް ހޯދުމަށް ސައިންސްވެރިން ކުރަމުން އައި މަސައްކަތައް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށާއި ގްރެވިޓޭޝަނަލް ވޭވް ސްޕެކްޓްރަމް ބޭނުންކޮށްގެން ކާއިނާތުގެ އިތުރު ހަގީގަތްތަކެއް ހޯދޭނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.