12 Feb 2016, 19:31
މިއަހަރު ސީޒަނަށް ތައްޔާރުވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދިވެހި ކުޅުންތެރިންގެ ކަންކަން ހަމަޖެހިފައިވާ ކަމަށާއި ދެން މަސައްކަތް ކުރާނީ ބިދޭސީ ރަނގަޅު ކުޅުންތެރިންތަކެއް ހޯދުމަށް ކަމަށް އެކުލަބުން ބުނެފިއެވެ.
ވިކްޓްރީގެ ޗެއާޕާސަން އަޙްމަދު އަސްއަދު ވިދާޅުވީ، ކުލަބުގެ އާ ބޯޑުން ކުލަބު ހިންގުމާ ހަވާލުވުމާއެކު އެންމެ ފުރަތަމަވެސް މަސައްކަތް ކުރީ މިދިޔަ އަހަރު ކުޅުނު ކުޅުންތެރިން ޓީމުގައި ހިފެހެއްޓުމަށް ކަމަށެވެ.
އަސްއަދު ވިދާޅުވީ، އާބޯޑް ހަވާލުވެ ކުޅުންތެރިންގެ އެއްބަސްވުންތައްވެސް މިހާރުގެ ބޯޑުގެ ބެލުމުގެ ދަށަށް ގެނައުމަށް ލަސްތަކެއް ވީނަމަވެސް ދިވެހި ކުޅުންތެރިންގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބިދޭސީ ތިން ކުޅުންތެރިޔަކު ޓީމަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގެންނަ ބިދޭސީ ކުޅުންތެރިޔެއް ނަމަ އެކުޅުންތެރިޔަކު ވާނީ ޓީމުގެ ދިވެހި ކުޅުންތެރިންނަށްވުރެ ތަފާތު ކުޅުންތެރިޔަކަށް ކަމަށެވެ.
"އަޅުގަނޑު ދަންނަވާފައި އޮންނާނީ ބޭރު ކުޅުންތެރިޔެއް ވެއްޖެއްޔާ އެކުޅުންތެރިޔަކު ވާންޖެހޭނޭ މިހާރު ވިކްޓަރީގެ ތިބި ދިވެހި ކުޅުންތެރިންނަށްވުރެ ތަފާތު ކުޅުންތެރިޔަކަށް. އެއީ ބިދޭސީ ކުޅުންތެރިޔެއް ނަމަ އެކުޅުންތެރިޔަކު ގެނައުމަށް ބޮޑު ޚަރަދު ތަކެއްވެސް ހިނަގާ،" އައްސަދު ވިދާލުވިއެވެ.
އޭނާ ވިދާޅުވީ، ކުލަބުގެ މިހާރު އެންމެ ބޮޑު އަމާޒަކީ ގަދަ ހަތަރެއްގައި ދެމި އޮތުން ކަމަށެވެ.