12 Feb 2016, 17:24
ޗެލްސީގެ ކޯޗް ކަމަށް ގެންނަން އެކުލަބުގެ ވެރިޔާ ރޯމަން އަބްރަހަމްވިޗް ބޭނުން ވަނީ ޔުވެންޓަސްގެ މިހާރުގެ ކޯޗް މަސިމިލިއާނޯ އަލެގްރީ ނުވަތަ އިޓަލީގެ ގައުމީ ޓީމުގެ ކޯޗް އެންޓޯނިއޯ ކޯންޓޭ ކަމަށް އިންގިރޭސި މިޑީއާތައް ބުނެފިއެވެ.
ޑެއިލީ މެއިލްގައި ބުނެފައިވަނީ އަބްރަހަމޮވިޗްގެ މޭޒުމައްޗަށް އެތުލެޓީކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީގެ ނަންވެސް ގެންދެވުނު ކަމަށާއި ނަމަވެސް ސިމިއޯނީގެ ނަމަށް އަބްރަހަމްވިޗް އާނބަސް ބުނެފައިވާ ނުވާކަމަށެވެ.
އަދި އެއީ ސިމިއޯނީގެ ފުޓްބޯޅަ ސްޓައިލް އަބްރަހަމޮވިޗަށް އެހާ ކަމުދާ ސްޓައިލަކަށް ނުވާތީ ކަމަށް ވެއެވެ.
އެލްގްރީއާ ކޯންޓޭއަށް އާނބަސް ބުނެފައިވާއިރު އެލެގްރީއާއި ކޮންޓޭއަކީ ޗެލްސީގެ ބެންޗަށް އަބްރަހަމޮވިޗް އެންމެ ބޭނުންވާ ދެ ކޯޗުންނެވެ. އެހެންވެ އެ ދެކޯޗުންގެ ތެރެއިން ކޮންމެވެސް އެއް ކޯޗެއް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެޓީމަށް ގެނައުމަށް އަބްރަހަމޮވިޗް ހުށަހަޅުއްވާފައިވާ ކަމަށް އިޓަލިއަން ފުޓްބޯލް ޑެއިލީ ބުނެފައިވެއެވެ.

އެންޓޯނިއޯ ކޯންޓޭ. ޗެލްސީގެ ކޯޗް ކަމަށް ގެންނަން އަބްރަހަމޮވިޗް އެންމެ ބޭނުންވާ ކޯޗުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނޭ --- ފައިލް ފޮޓޯ/ ގެޓީ އިމޭޖަސް
އެލެގްރީގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން، މިދިޔަ ސީޒަންގެ ޔޫރަޕިއަން ޗެމްޕިއަންސް ލީގް ފައިނަލަށް ޔުވެންޓަސް ގެންގޮސްދިން ކޯޗް ބުނީ އޭނާގެ ކުރިމަގާ ބެހޭގޮތުން އަދި އޭނާ ނުވިސްނާ ކަމަށެވެ. އަދި އޭނާއާ ޗެލްސީއާ ގުޅުވައި ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިޓަލީގެ ރިޕޯޓްތައް ބުނެފައިވަނީ މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިނގިރޭސި ކުލަބެއްގެ ކޯޗަކަށް ބަދަލުވުމަށްޓަކައި ކޯންޓޭ މިހާރުވެސް އިންގިރޭސި ދަސް ކުރަމުންދާ ކަމަށެވެ.
ޕްރިމިއާ ލިގްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ކޯންޓޭ ވަނީ މީގެކުރިން ފާޅުކޮށްފައެވެ.
ޗެލްސީގެ ކޯޗް ކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހު ޗެލްސީގެ ކޯޗްކަން ވަގުތީ ގޮތުން ހަވާލު ކުރީ ރަޝިޔާގެ ގައުމީ ޓީމުގެ ކޯޗް ގޫސް ހިޑިންކާއެވެ.