12 Feb 2016, 16:00
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ޖަހައިގެން ޕްރިންޓު ކޮށްފައި ހުރި "ޑޮލަރުތަކެއް" ސިފަވާ ކަރުދާސް ތަކެއް އެމަނިކުފާނުގެ ގެކޮޅު، ގ. ދޫވެހި ކުރިމައްޗަށް މިދިޔަ ބުދަ ދުވަހު އުކި މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުކުރުމުން އެ ދެބޭފުޅުން ހުންނަވައިފިއެވެ.
ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފާއި އީވާގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ފުލުހުން ސުވާލުކުރުމުން ހަނުހުރުމުގެ ބަޔާނެއް އެ ދެ ބޭފުޅުން ވެސް ދެއްވާފައިވާ ކަމަށެވެ.

ފުލުސް އޮފީހުގެ ބޭރުގައި މަހުލޫފް މަޑުކޮށްލައިގެން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ނާޒިމް ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރާއި ހަ ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގައި ވަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ އެ މާއްދާގެ ތިރީގައިވާ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނުކުމެވަޑައިގެން އީވާ ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ މާއްދާގެ ތިން ވަނަ ނަންބަރުގައި ވަނީ "ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުރުބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުން"
އެ މާއްދާގެ ހަވަނަ ނަންބަރުގައި ވަނީ "ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުން"
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހުލޫފާއި އީވާ ފުލުސް އޮފީހަށް ހާޒިރުކުރީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.