12 Feb 2016, 16:57
އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެފްއޭއެމްއަށް ފާޑު ކިޔައިފިއެވެ.
'ސަން'އާ ވާހަކަ ދައްކަމުން ކިއުރޭޑިއަންޓްގެ ޖެނަރަލް ސެކެޓްރީ ޢަލީ ޝަމީމު (ކޮޔަރަ އައްޔަ) ވިދާޅުވީ، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ހަވާލުވި ކޮމިޓީއިން ނޯމަލައިޒޭޝަންގެ ދައުރުގެ ދެ ވަނަ އަހަރު ފެށިގެންދާއިރުވެސް އަސާސީ ޤަވާއިދު އެކުލަވާލައި އިންތިޚާބެއް ނުބޭއްވި ދިއުމަކީ ދިވެހި ފުޓްބޯޅައަށް ގެއްލުން ވަމުންދާ ކަމެއް ކަމަށެވެ.
"ޤަވާއިދެއް ހަދައިފިއްޔާ ރާއްޖޭގެ އޮންނަ ޖަމްއިއްޔާތަކާ ބެހޭ ޤާނުނާއި ޤަވައިދުގައި ހިމެނޭގޮތަކަށް ނޫން އެޤަވާއިދު އޮންނަނީކީ، މިހެންވުމުން އަސާސީ ޤަވައިދެއް އެކަށަނޭޅި އެފްއޭއެމްގެ އިންތީޚާބު ލަސްވަމުން ދަނީ،" އައްޔަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖެހިޖެހިގެން ދެ މުބާރާތުގެ ސެމީފައިނަލުންވެސް ގައުމީ ޓީމު ކަޓައިގެން ދިއުމުގައި އެފްއޭއެމްއިން ޒިންމާތަކެއްވެސް އެބަހުރިކަމަށާއި ކުޅުންތެރިންނަށް އެފްއޭއެމްއިން ދޭން ބުނި ފައިސާގެ ކަންކަން ފުރިހަމަނުކޮށް އޮތުމަކީ ކުޅުންތެރިންނަށްވެސް އޭގެ އަސަރު ކުރާނެ ކަމެއްކަމަށެވެ.
ކުލަބުތަކުގެ މަޝްވާރާއެއް ނެތި ސީޒަންގެ ސްޓަރަކްޗާއާއި ލީގްގެ ފޯމެޓަށް ބަދަލު ގެންނައުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް އައްޔަ ވިދާޅުވިއެވެ.
"އެއްފަހަރު ބުނެފާނެ. މިއަހަރު ލީގްގައި އޮންނާނީ ތިން ބުރޭ. އަނެއް ފަހަރު ބުނާނެ ދެން ކުޅޭނީ ދެ ބުރޭ، އެއްބުރައްވެސް ކުޅެން ނިންމަފާނެ. މިއިން އެއްވެސް ކަމެއް ނިންމާއިރު ކުލަބުތަކާ މަޝްވަރާ ކުރުމެތްނެތް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާލުވީ، ލީގް ޗެމްޕިއަން ޓީމަށް އެއް މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެފައި ވަކި ކުލަބެއް ޗެމްޕިއަންކަން ހޯދުމުން އެ އަދަދުވެސް ކުޑަވެއްޖެކަމަށާއި ދެބުރު ކުޅެގެން ލީގް ޗެމްޕިއަންކަން ހޯދާ ކްލަބަށްވުރެ ދެތިން ހަތަރު މެޗް ކުޅެގެން ޕްރެޒިޑެންޓް ކަޕް ހޯދާ ޓީމަކަށް ލިބޭ ފައިސާގެ އިނާމު ބޮޑުވުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އެފްއޭއެމްއިން ކްލަބުތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް އައްޔަ ތުހުމަތު ކުރެއްވިއެވެ.