12 Feb 2016, 15:45
ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައިދިއުން ކަންބޮޑުވާ މިންވަރަކަށް ނެތް ކަމަށާއި، އެއީ ރާއްޖޭގައި އޮތް ބޮޑު މައްސަލައެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ސީއެންއެންގެ އަމަންޕޯރ ފްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ ހައްދުފަހަނައެޅުމާއި، ހަނގުރާމަތަކަށް މީހުން ދިއުން ރާއްޖޭގައި އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.
ދުންޔާ ވަނީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ފިކުރުތައް ކަންބޮޑުވާ ދަރަޖަ އަށް އޮތް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
މުޅި ދުނިޔޭގައިވެސް ވަކިވަކި ގައުމުތަކަށް ބަލާއިރު އައިއެސްއާ ގުޅުމަށް އެންމެ ގިނަ މީހުން ދަނީ ރާއްޖެއަށް ކަމަށާއި އެކަން އެހެން ދިމާވަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ، ކުދި އާބަދީތަކާ ބޮޑެތި އާބާދީތަކާ އަޅާކިޔާލުމުން ކަން އޮތް ގޮތުގެ ހަގީގަތް އޮޅޭ ކަމަށެވެ.
"ޓެރަރިޒަމްގެ ސަބަބުން ދިމާވާ އެކިއެކި ގޮންޖެހުންތަކާ ރާއްޖެއެކޭ އެއްގޮތަށް މުޅި ދުނިޔެއިންވެސް މިވަނީ ކުރިމަތިލާން ޖެހިފައި. އަޅުގަނޑުމެން މި ތިބީ އެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ތައްޔާރަށް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވަނީ، ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ މީހުން ހުއްޓުވުމުގައި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އިންތިހާއަށް އޮތް ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވާ ކަމަށް ދެކެވޭ ވާހަކަތައްވެސް ދުންޔާ ވަނީ ދޮގުކުރައްވާފަ އެވެ.
ދުންޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެފަދަ ޒިންމާދާރުކަން ކުޑަ އަދި ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރާތީ ހިތާމަކުރައްވާ ކަމަށާއި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މަތި ތަނބު ކަމުގައި ވީއިރު، ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.