12 Feb 2016, 17:05
މިޔުނިކް(ފެބްރުއަރީ 12): ސޫރިޔާގައި ހިންގަމުން ގެންދާ އުދުވާނީ ހަރަކާތްތައް ހަފްތާއެއްގެ ތެރޭގައި ހުއްޓުވުމަށް އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެނެގެންއުޅޭ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވެއްޖެއެވެ.
މިޔުނިކްގައި ކުރިޔަށްދާ ސޫރިޔާގެ ހަނގުރާމައާ ގުޅުންހުރި ގައުމުތަކުގެ ބައްދަލުވުމުގައި ރަޝިޔާއާއި އެމެރިކާގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންނެވީ ސޫރިޔާގައި ހިންގަމުން ގެންދާ އުދުވާނީ ހަރަކާތްތައް ކުރިޔަށްއޮތް ހަފްތާ ތެރޭގައި ހުއްޓުވުމަށާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް އަވަސްކަމެއްގެ ގޮތުގައި ވަގުތުން ފެށުމަށެވެ.
މީގެއިތުރުން ސޫރިޔާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭއްވުމަށް ރާވާފައިވާ ސުލްހައިގެ ވާހަކަތައް ޖެނީވާގައި ފެށުމަށްވެސް މިޔުނިކްގެ ބައްދަލުވުމުން ގޮވާލިއެވެ.
އުދުވާނީ ހަރަކާތްތައް ހުއްޓުވުމަށް އެއްބަސްވުމުގެ މާނައަކީ ހަނގުރާމައިގެ ހަމާލާތައް މުޅިން ހުއްޓާލުން ނޫންކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވިއެވެ.
ސޫރިޔާގެ ހަނގުރާމައާ ގުޅުންހުރި ގައުމުތައް ހިމެނޭ ޖަމާއަތަށް ކިޔަނީ ސޫރިޔާގެ ސަޕޯޓް ގްރޫޕެވެ. މިގްރޫޕްގައި 17 ގައުމާއި ބައިނަލްއަގްވާމީ ތިން ޖަމްއިއްޔާ ހިމެނެއެވެ. މި ގްރޫޕްގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ސީދާގޮތުންނާއި ނުސީދާގޮތުން ވަދެފައިވާ ގައުމުތަކާއި އެހަނގުރާމަ ހުއްޓުވައި ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ގައުމުތައް ހިމެނެއެވެ. ސޫރިޔާގެ ސަޕޯޓް ގްރޫޕްގެ ބައްދަލުވުމުގައި އެގައުމަށް އދ. ން ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުމާއެކުވެސް ސޫރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތައް ކަމަށްވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތައް ކުރިޔަށްގެންދާނެކަމަށް އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ވިދާޅުވިއެވެ.
ސޫރިޔާގައި ހިނގަމުންދާ އުދުވާނީ ހަރަކާތްތަކުގެ ގޮތުގައި އެބޭފުޅުން ސިފަކުރައްވާފައިވަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އެގައުމުގެ ސަރުކާރު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައެވެ. މިހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާނީ ރަޝިޔާއާއި އެމެރިކާގެ ބެލުމުގެ ދަށުންކަމަށްވެސް ރަޝިޔާއާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ވިދާޅުވިއެވެ.
ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވަނީވެސް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހަލަބް ގެ ކައިރީގައި އެގައުމުގެ ސިފައިން ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުންނެވެ. މިއޮޕަރޭޝަންގައި ސޫރިޔާ ސިފައިންނަށް ބޭނުންވާ ވައިގެ ހަމަލާތައްދެނީ ރަޝިޔާއިންނެވެ. މިއޮޕަރޭޝަންގެ ސަބަބުން ސޫރިޔާގެ ލައްކައަކަށްވުރެ ގިނަމީހުން މަގުމަތިވުމާއެކު އެމީހުންވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ. (އަލްޖަޒީރާ)