މީގެ 30 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލުނު ކެނެޑާގެ އެޖަރ ލަތުލިޕް ކިޔާ މީހަކު އޭނާގެ އާއިލާއާ ބައްދަލު ކުރުމަށް ތައްޔާރުވެއްޖެ އެވެ.

އެޖަރ ލަތުލިޕް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނަ ގެއްލިފައި ވަނީ އުމުރުން 21 އަހަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒުގައި އޭނާ ބަހައްޓާފައި ހުއްޓަ އެވެ.

އޮންޓޭރިއޯ ޕްރޮވިންސްގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މީހުންގެ މަރުކަޒުން ނުކުމެގެން އޭނާ ބަހަކަށް އެރި ނަމަވެސް، ބޮލަށް ލިބުނު އަނިޔާއަކަށް ފަހު އޭނާގެ ހަނދާން އެކީގައި ދިޔައީ އެވެ. އެއަށްފަހު އޭނާ އުޅެމުންދިޔައީ އެހެން މީހެއްގެ ގޮތުގައި ނަޔާގްރާ ގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން 30 އަހަރަށް ފަހު އެޖަރ ލަތުލިޕް އޭނާގެ އާއިލާއާ ބައްދަލު ވަނީ، އޭނާގެ ހަނދާނުން ފޮހެވުނު ބައި އަލުން އަނބުރާ ލިބި އޭނާގެ އާއިލާ އަކީ ކޮން ބައެއްކަން ހަނދާން ވުމުންނެވެ.

އަދި އޭނާގެ ނަން ބުނުމުން އެއީ ގެއްލިގެން ހޯދަމުން އަންނަ މީހެއްކަން އެނގި ފުލުހުންނަށް އެކަން އެންގީ އެވެ. އެއަށްފަހު ފުލުހުން ކުރިއަށް ގެންދިޔަ ޑީއެންއޭ ޓެސްޓުން، އޭނާ އަކީ މީގެ 30 އަހަރު ކުރިން ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ވަނީ ޔަގީންވެފަ އެވެ.

"ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރާތާ 18 އަހަރު ވެއްޖެ. މިއީ ޓީވީ އިން ފެންނަ ކަހަލަ ކަމެއް، އެކަމަކު މިކަހަލަ ކޭސް އެއް އަދި އަހަންނަކަށް ނުފެނޭ،" ނަޔާގްރާ ރީޖަނަލް ޕޮލިސްގެ ކޮންސްޓަބަލް ފިލިޕް ގެވިން ބުނެފައިވެ އެވެ.

ލަތުލިޕްގެ މަންމަ ބުނީ އޭނާ ދިރިހުރި ހަބަރު ލިބުމުން ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށެވެ.