ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ކުރަން ސަރުކާރުން ނިންމާފައި ވާއިރު، އެ މަޝްވަރާތަކުގައި ބޭރުގެ ޖަމިއްޔާތަކަށް ބައިވެރިވުމަށް ދައުވަތު ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސީއެންއެންގެ އަމަންޕޯރ ފްރޮގްރާމްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކޮމަންވެލްތުގެ އިތުރުން އީޔޫ އަށްވެސް ދައުވަަތު ދީފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު މަސައްކަތް ކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަން ފާހަގަ ކުރައްވައި ދުންޔާ ވިދާޅުވީ، މަޝްވަރާތަކުގައި ހުށަހަޅާ ހިޔާލުތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވީ، ޑިމޮކްރޮސީގެ ހަމަތައް ގާއިމްކުރުމަށް ރާއްޖެއިން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާތައް ފެށުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކީވެސް ރާއްޖޭގައި ޑިމޮކްރޮސީ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ ހެއްކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވިފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކާ އެކު އަލުން މަޝްވަރާތައް ފަށަން ނިންމާފައި މިވަނީ ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދޫކޮށްލައި މަޝްވަރާތައް އަލުން ފެށުމަށް ޔޫރަޕިއަން ޕާލަމެންޓުން ގޮވާލާފައި ވަނިކޮށެވެ.

މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރުން ނިންމުމުން އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.