12 Feb 2016, 16:27
އިޖުތިމާއީ ހިދުމަތުގެ ނަމުގައި ނެޝަނަލް ޑްރަގް އޭޖެންސީ އިން އާޓިފިޝަލް ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި ހަރަކާތުގައި ޑްރަގް އެމްބެސެޑަރު މުހައްމަދު އިމްރާން އާއި މުޖުތަމައުގައި ފަރުވާ ހޯދަމުންދާ މީހުންގެ އިތުރުން ޑްރަގް އޭޖެންސީގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
އެއީ ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ފަރުވާގައި ހިމެނުމަށް ނިންމާފައިވާ "އިޖުތިމާއީ ހިދުމަތް" ތައާރުފު ކުރުމަށް ހިންގުނު ހަރަކާތެއް ކަމަށް އޭޖެންސީ އިން ބުނެ އެވެ.
އޭޖެންސީގެ އެސިސްޓަންޓް ޑިރެކްޓަރު އައިޝަތު މެހެރީނާ ސަން އަށް ވިދާޅުވީ، އެ ހަރަކާތަކީ ފަރުވާ ހޯދަމުންދާ މީހުން އިޖުތިމާއީ ހަރަކާތްތަކަށް އަހުލުވެރިކުރުވުމާއި އެމީހުންނަކީވެސް މުޖުތަމައުގައި ބޭނުންތެރި އަދި މުޖުތަމައުއަށް އެމީހުންގެ ފަރާތުން ޒިންމާތަކެއްވާ ބައެއްކަން އަންގައި ދިނުމެވެ.
އޭގެ އިތުރުން އެމީހުންނަށް އަލުން އަނބުރާ މުޖުތަމައުއަށް ނުކުތުމުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަކީވެސް ހަރަކާތުގެ މަގުސަދެއް ކަމަށް މެހެރީނާ ވިދާޅުވި އެވެ.
މެހެރީނާ ވިދާޅުވީ، ސާފު ކުރުމުގެ ހަރަކާތްތަކުގެ އިތުރުންވެސް، ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ބައިވެރިކޮށްގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.