ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާ ހަލާކުކޮށްލީ ސަރުކާރުގައި މިހާރު ތިއްބެވި އިސްވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން ވިދާޅުވީ، ރާއްޖޭގައި އޮތް ރީތި އަހުލާގު ނައްތާލައި އިޖްތިމާއީ ފޭރާން ހަލާކުކޮށްލީ މިހާރުގެ ސަރުކާރުގެ ވެރިން ޑިމޮކްރަސީ ގެންނަން ކަމަށްބުނެ ކުރި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތުގައި ގައުމުގެ ގާނޫނު ތަންފީޒު ކުރާ އެންމެ އިސް ބާރު، ދިވެހި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަނިޔާ ކުރުމަށް މި ސަރުކާރުގެ އިސް ސަފުގައި ހިމެނޭ ފަރާތްތައް ގޮވާލާފައިވާ ކަމަށެވެ.

ނިހާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރާއްޖޭގެ މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކުގައި، ބައިވެރިވާ މީހުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުނި ބުނުމާ ގުޅިގެން ކުށްކުރުން މަދުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނިހާން މިވާހަފުޅުތައް ދެއްކެވީ ޑީއާރުޕީގެ މައުމޫން ގޮފީގެ އަންހެން މެންބަރުން އިންތިޒާމު ކޮށްގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައިގެ މައްޗަށް ވެސް ނިހާން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ، ރައްޔިތުންނާމެދު ސަރުކާރުން ކުރަމުންދާ އިހާނެތި ގޮތްތައް މިހާރުން މިހާރަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން އަމިއްލައަށް އެކަން ބަދަލު ނުކޮށްފިނަމަ އެކަން ބަދަލު ކުރާނެ ބަޔަކު ނާންނާނެ ކަމަށެވެ. އެކަން ބަދަލު ކުރަން ހުރިހާ އެންމެން މުލިއާގެ ކައިރިއަށް ދިއުމަށް ވެސް އޭނާ ވަނީ ގޮވާލާފަ އެވެ.