ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ މަންމަގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އުމުރުން 29 އަހަރުގެ އެ އަންހެން މީހާގެ ބަންދަށް 15 ދުވަސް އިތުރު ކުރީ އެއަތޮޅު ފުނަދޫ ކޯޓުން ކަމަށެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމަށް ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ބޮޑަށް ބެލެވެނީ އެ ކުއްޖާގެ މަންމަ އެ ކުއްޖާ މަރާލީ ކަމަށެވެ. އަދި އެ ކުއްޖާ މަރާލާފައި ވަނީ ގަޔަށް ވަޅިހަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.