11 Feb 2016, 22:54
ދުވާލަކު 50 ޓަނުގެ މަސް ޕްރޮސަސް ކުރެވޭ ފެކްޓަރީއަކަށް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ކޭނަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވާތީ، އެ ފެކްޓަރީ އަށް 200 ވަރަކަށް މުވައްޒަފުން ހޯދުމަށް އަތޮޅުތަކަށް ދަތުރުތައް ފައްޓައިފި އެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު އެ ހާރުހާނާގައި ދުވާލަކު ޕްރޮސަސް ކުރެވެނީ 15 ޓަނުގެ މަސް ކަމަށާއި ނަމަވެސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމުމުން ދުވާލަކު 50 ޓަނުގެ މަސް ޕްރޮސަސް ކުރެވޭނެ ކަމަށެވެ. ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ މަަސައްކަތް ވަނީ ނިމުމުގެ މަގުމަތީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ މިހާރުގެ އަމާޒަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ރާއްޖޭގެ އެކި ހިސާބަށް ދަތުރުކޮށް ފެކްޓަރީ އަށް ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުން ކަމަށެވެ.
މިފްކޯ އިން ބުނީ އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޓީމުތައް މިހާރު އެ މަސައްކަތް އަމަލީ ގޮތުން ފައްޓާފައިވާ ކަމަށާއި ފުރަތަމަ އިއްޔެ މަސައްކަތް ފެއްޓީ ޅ، އަތޮޅު ނައިފަރުން ކަމަށެވެ. އަދި މި އަދު މަސައްކަތް ކުރަނީ ނ. އަތޮޅުގެ ރަށްތަކުގައި ކަމަށް ވެސް ބުންޏެވެ. އަދި ނ. އަތޮޅަށް ފަހު ދެން ދާނީ ރ. އަތޮޅަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްލޯ އިން ބުނީ އެ ޓީމުގެ ދަތުރުތަކުގައި މިފްކޯއާ ބެހޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ހިއްސާކޮށް، ފެކްޓަރީއަށް ބޭނުންވާ ވަޒީފާތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވަޒީފާ ބޭނުންވާ ދިވެހި ޒުވާނުންނަށް ވަގުތުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނީ އެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތޮ ހޯދައި ދިނުމަށް ރައީސް ޔާމީން އަބްދުލްގައްޔޫމު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މިފްކޯ އިން ހިންގާ ކެމްޕޭނެއް ކަމަށެވެ.