ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ކުރަން ސަރުކާރުން ނިންމުމުން އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ހޫގޯ ސްވަޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ސްވެޔާ ވަނީ ދެ ދުވަހުގެ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީނާ އެކު އޭނާ ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވިފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭކަމަށް ރައީސް ޔާމީން އުންމީދު ކުރައްވާ ކަމަށެވެ.