14:30


އެމެރިކާގެ އިރުދެކުނުގެ ސްޓޭޓްތަކަށް އައި ބާރުގަދަ ނަގޫރޯޅިއެއްގައި 10 މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.


މައުލޫމާތުލިބޭ ގޮތުގައި މިނަގޫރޯޅިއާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެސަރަހައްދުގެ ސްޓޭޓެއް ކަމަށްވާ މިސިސީޕީއަށެވެ.


މިސިސީޕީގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވަނީ މިހާދިސާއާ ގުޅިގެން އެސްޓޭޓްގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާ ކަމަށާއި ގަސްތައް ކަނޑައިގެން ގޮސް މަގުމައްޗަށް ވެއްޓިފައިވުމުގެ ސަބަބުން މަގުތައް ބަންދުވެފައިވާ ކަމަށެވެ. އަދި އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި އެސްޓޭޓްގެ ބައެއް ކައުންޓީތައް އަލުން އާރާސްތުކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


މިހާދިސާއާ ގުޅިގެން މިސިސީޕީގެ ގިނަ ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. އަދި ސްޓޭޓްގެ ގަވަރނަރ ހޭލީ ބާބަރ ވަނީ އެސްޓޭޓުގެ 17 ކައުންޓީއެއްގައި ކުއްލި ހާލަތު އިއުލާން ކުރައްވާފަ އެވެ.


މިހާދިސާގައި މިސިސީޕީގެ އިތުރުން އެމެރިކާގެ އިރުދެކުނު ސްޓޭޓްތަކުގެ ތެރޭން ލޫސިއާނާ، އާކަންސަސް އަދި އަލަބާމާއަށް ވެސް ތަފާތު ގެއްލުންތައް ލިބިފައިވެ އެވެ.