11 Feb 2016, 15:50
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މާދަމާ މެންދުރުފަހު 2:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން މަހޫލަށް އަންގާފައިވާއިރު، މާދަމާ 3:30 އަށް ފުލުސް އޮފީހަށް ހާޒިރުވާން އީވާ އަށް ވަނީ އަންގާފައެވެ.
އީވާ އާއި މަހުލޫފް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް އެ ދެ ބޭފުޅުން އިއްޔެ އަޅާފައިވަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ހަތް ދުވަހުގެ ތެރޭގައި އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހާޒިރުވާން އިއްޔެ ވަނީ އަންގާފައެވެ.
އީޕީއޭ އިން ބުނީ އީވާ އާއި މަހުލޫފް އެ އެޖެންސީއަށް ހާޒިރުކުރަނީ ކުނިމެނޭޖް ކުރުމުގެ ގަވާއިދާ ޚިލާފުވެފައިވާތީ ކަމަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ވެސް މަހުލޫފް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އެރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ރައީސް ޔާމީންގެ އެކައުންޓެއްގައި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ހުރި ކަމަށް ބުނެ ޓްވީޓެއް ކުރައްވާފައިވާތީ އެވެ.