22 Apr 2011, 01:30
ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން ސިފައިންނަށް ފްލެޓް ލިބޭނެ ގޮތް ހަމަ ޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 119 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަންތަން ކުއްޔަށް ހިފައިގެން ދަތިހާލުގައި އުޅޭކަން އެމަނިކުފާނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މަދު އަދަދެއްގެ ސިފައިންނަށް ވިލިނގިލިން ކުރިން ވެސް ފްލެޓް ހަމަޖައްސައިދީފައިވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށާ އެހެން އަދި ބައެއް ސިފައިންނަށް ލިވިން އެލަވަންސް ލިބޭކަން ވެސް ފާހަގަ ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސިފައިންނަށް ވެސް ފްލެޓް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
" އަންނަ އަހަރު ހުޅުމާލޭގައި އަޅާ ފްލެޓްތަކުން ސިފައިންނަށް ވެސް ފްލެޓް ލިބޭނެ ގޮތެއް ހަމަޖައްސައި ދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރިން ސިފައިންގެ އިސް މަގާމްތައް ފުރުއްވާފައިވާ ބޭފުޅުންނަށާއި ހުރިހާ ސިފައިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލެއާއި އަތޮޅު ތަކުގައި ގިނަ ހަރަކާތްތަކެއް ހިންގިއެވެ.