މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ހޯލް އިމާރާތުގައި މިއަދު މީރާގެ އޮފީހެއް ހުޅުވައިދެއްވީ އެކަމަށް ޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

މީރާގެ އައްޑޫ ސިޓީ އޮފީހުން މާލޭގައި ހުންނަ މީރާގެ މައި އިދާރާ އިން ދޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށް މީރާ އިން ބުނެ އެވެ.

މިއަހަރު ތެރޭ އިތުރު ހަތަރު ރަށެއްގައި މީރާގެ އޮފީސްތައް ހުޅުވުމަށް ނިންމާފައިވާ އިރު، މިއަދު ޏ. ފުވައްމުލަކުގައި ވެސް މީރާގެ އޮފީހެއް ހުޅުވާނެ ކަމަށް މީރާ އިން ބުނެ އެވެ.

ހދ. ކުޅުދުއްފުށީގައި މީރާގެ އޮފީހެއް ހުޅުވާފައިވާ އިރު، ފ. ނިލަންދޫ، ލ.ފޮނަދޫ އަދި ބ. އޭދަފުށީގައި ވަނީ މީރާގެ ކަލެކްޝަން ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ.