11 Feb 2016, 14:41
ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާ އެކު މަހުލޫފް ވިދާޅުވީ ސަސްޕެންޑުކޮށްފާނެތީ ބިރުން އޭނާގެ ގާނޫނީ ވަކީލަކަށް ވުމަށް ބައެއް ބޭފުޅުން ފަސްޖެހޭ ކަމަށެވެ. އެހެންކަމުން ވަކީލަކު ހަމަޖައްސަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާޒީ އިބްރާހީމް އަލީ ވިދާޅުވީ އެ މައްސަލައަކީ އެހާ ބޮޑު މައްސަލައެއް ނޫންކަމަށާއި އެ މައްސަލަ އަވަހަށް ނިންމަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ތިން ދުވަހުގެ ތެރޭގައި ވަކީލަކު ހަމަނުޖެއްސިޔަސް މައްސަލަ ކުރިއަށްގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީއަތަށްފަހު މަހުލޫފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.