ޕެރިސް (ފެބްރުއަރީ 11)- ފްރާންސްގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ޝެރާންޓް-މެރިޓައިމްގެ ރޮޝްފޯ އާ ކައިރި ހިސާބެއްގައި ސްކޫލް ދަރިވަރުންތަކެއް ގޮވައިގެން ދިޔަ މިނީ ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަ ކުއްޖަކު މަރުވެއްޖެ އެވެ.

ފްރާންސް ފުލުހުންނާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ، ތަޅާލާފައިވާ އިމާރާތަކުން ގަލާއި ދަގަނޑުފަދަ ކުނިބުނި އަރުވައި ބަރާކޮށްގެން އައި ޓްރަކްގެ ކުނިއަޅާބައި ޓްރަކުން ނެއްޓިގެން ގޮސް މިނީ ބަހުގައި ޖެހުމުން ކަމަށެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެ މިނީ ބަހުގައި 17 ވަރަކަށް ކުދީން ތިބި ކަމަށާއި އޭގެ ތެރެއިން 6 ކުއްޖަކު މަރުވެފައިވާ އިރު، އިތުރު ދެ ކުއްޖަކާއި ބަހުގެ ޑްރައިވަރަށް އެކިވަރުގެ އަނިޔާތަައް ލިބިފައިވާ ކަމަށް ވެއެވެ.

މިއަދު މިނީ ބަހަކާއި ޓްރަކެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ފްރާންސްގައި ހިނގާފައި ވާއިރު، ސްނޯ ބޯވުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި ވެސް ވަނީ ފްރާންސާއި ސްވިސް ބޯޑަރު ސަރަހައްދުގައި ސްކޫލް ބަހެއް މަގުން ކައްސާލުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ދެ ކުއްޖަކު މަރުވެފައެވެ.

ބުދަ ދުވަހުގެ ހާދިސާގައި މަރުވެފައި ވަނީ، 15 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ. އެ ހާދިސާ ހިނގި ވަގުތު، އެ ބަހުގައި 32 ކުދިން ތިބިކަމަށްވެއެވެ.