11 Feb 2016, 14:46
ރާއްޖޭގައި ތަފާތު ވައްތަރުގެ ނަފްސާނީ ބަލިމަޑުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ނަފްސާނީ ސިއްހަތުގެ ސްޓްރެޓެޖިކު ޕްލޭން އެކުލަވާލުމަށް ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް ގޮތް ނިންމުމަށް މިއަދު ހޮޓެލް ޖެން ގައި ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮ ކަމަކީ ބައެއް ފަހަރު ވަރަށް ހަނިކޮށް ވިސްނާލެވޭ މައްސަލައެއް ކަމަށެވެ.
"ނަފްސާނީ ބަލި މަޑުކަމީ ވަރަށް ގިނަ ފަހަރަށް ބޭރުފުށުން ނުވަތަ ހަށިގަނޑުގެ ގުނަވަނަކުން ޖިސްމާނީ ގޮތުން އެ ބަލީގެ އަލާމާތް ނުފެނި އެ ބަލީގެ ނުރައްކާ ކުރިމަތިވާ ބަލިތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުރިހަމަ ސިއްހަތެއްގައި ދެމި ހުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ވާން ޖެހޭ ކަމަށެވެ. އޭގެތެރެއިން އަސާސީ އެއް ބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ގިނަ ފަހަރަށް އަޅުގަނޑުމެންނަށްވެސް ޖިސްމާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ދީފައި ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮ ކަމާމެދު މާ ބޮޑަށް އަޅާ ނުލެވޭކަން ފާހަގަ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމުގައި ދިރިއުޅެމުންދާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ރާއްޖޭގައި ލިބެން ހުންނަ ފަރުވާ އާއި އެހެނިހެން ހިދުމަތްތަކަކީ ކޮބައިތޯ ބެލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަދި މި ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރެވޭނީ ކިހިނެއްތޯ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު އެކުލަވައިލެވޭ ނަފްސާނީ ސްޓްރެޓެޖިކު ޕްލޭންގެ ދަށުން ރާއްޖޭގެ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި މާލެ އަތޮޅާއި އެހެންނިހެން އަތޮޅުތަކުގައިވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ގާއިމުކޮށް އެ ބަލިތަކަށް ފަރުވާދެވޭނެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް ސްޓްރެޓެޖިކު ޕްލޭން އެކުލަވާލުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.