ލ. މާމެންދޫގައި މިރޭ ބޮޑު މާރާމާރީއެއް ހިންގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. މިވަގުތު ހާލު ސީރިއަސްވެފައިވާ އެމީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލުގެ ހެލްތު ބޯޑުގެ މެންބަރު އަދި ހިއުމަން ރިސޯސް އެންޑް އެޑްމިންގެ ޑިރެކްޓަރު ޢަލީ ފައިސަލް ވިދާޅުވީ މާމެންދޫން ގެނައި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް ދީފައިވާ ބޮޑެތި ފުން ޒަހަމްތަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.

ލ. މާމެންދޫ ކައުންސިލާ ހަވާލާދީ ގަމުގައި ހުންނަ ސަންގެ ކޮރަސްޕޮންޑެންޓް ބުނީ މާމެންދޫގައި ބޮޑު މާރާމާރީއެއް ހިންގީ މިރޭ ގާތްގަނޑަކަށް 8:00 ޖާހާއެހާކަންހާއިރު ކަމަށާއި އެ މާރާމާރީ އަކީ މޫނު ނިވާކޮށް ތޫނު ހަތިޔާރު ހިފައިގެން މާމެންދޫއަށް މިރޭ އެރި ތިން މީހަކު ހިންގި މާރާމާރީ އެއް ކަމަށެވެ. އަދި އެމީހުން އެ ރަށަށް އަރާ ހަމަލާ އަމާޒުކޮށްފައި ވަނީ އެރަށުގައި ހުރި ގދ. ނަޑެއްލާ ޝާޒް ކިޔާ އުމުރުން 23 އަހަރުގެ ޒުވާނަކަށް ކަމަށާއި އެ ހަމަލާގައި އޭނާގެ ކަނާތުފައިގެ ކަކުލު ހުޅަށް ހަމަލާދީ ގާތްގަނޑަކަށް ކަކު ބުރިކޮށްލާފައިވާ ކަމަށެވެ.
"މިޙާރު ވަކި ނުވެ އިނީ ކުޑަކުޑަ ތަންކޮޅެއް. އޭނާގެ ހާލު ވަރަށް ސީރިއަސް މިހާރު ގަމަށް ގެނެސް ފަރުވާ ދެމުން އަންނަނީ،" ސަންގެ ކޮރަސްޕޮންޑެންޓް ބުންޏެވެ.

މާމެންދޫ ކައުންސިލު އިދާރާގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޝާޒު ކިޔާ ޒުވާނާގެ ކަނާތުފަޔަށް ބޮޑު ޒަހަމެއް ދީފައިވާއިރު ވާތުފައިގެ ތިންތަނަކަށް ވަޅި ހަރައި ވާތު މުލައްދަނޑިވެސް ވަޅިން ޒަހަމްކޮށްލާފައިވާ ކަމަށެވެ.

މާމެންދޫން ވާހަކަ ދެެއްކި މީހަކު ބުނީ ގަމަށް އައިސް ހުންނަ ޝާޒު މާމެންދޫއަށް ގޮސް ހުއްޓާ އޭނާއަށް ހަމަލާ ދިނީ އެރަށު ޖޯލި ފައްޗެއްގައި އޮއްވާ ކަމަަށާއި އޭނާއަށް ހަމަލާ ދިން މީހުން، އެ ހަމަލައަށް ފަހު ފިލައި ރަށުން ފައިބައިގެން ގޮސްފައިވާ ކަމަށެވެ.

މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރީގައި ހަމަލަ ދީ ޒަހަމްކޮށްލާފައި ވަނަމަކަށް "ކުޑަހެންވޭރު ވަޅި" ކިޔާ ޒުވާނެއް ކަމަށާއި އޭނާއަށް ހަމަލާ ދިނީ ކަނޑިއެއް ކަހަލަ އެއްޗަކުން ކަމަށެވެ.

"އެމީހުން އެތަނަށް ވަންވަގުތު އެތާ އޮތް ރަށު މީހާ (މާމެންދޫ މީހާ) ދުވެ ފިލީ. އެމީހުން އަތުގަ ކަނޑިއެއް އޮތް. އެމީހުން އޭނާއަށް ފުރަތަމަ ދިން ހަމަލައިގެ ޑިފެންސްނެގީ ކަކުލުން. އެވަގުތު އޭނާގެ ކަކޫ މުގުރުނީ، ކަކުލުގެ ހުޅުތެރެވެސް އޮތީ ހަމަ މުޅިން ރޫޅިފަ. ދެވަނަ ހަމަލާގެ ދިފާއަށް އޭނާގެ އަނެއްފައި ދިއްކޮށްލުމުން އެފައިގެވެސް ކަކުލުހުޅުން ތަންކޮޅެއް ތިރިން އިނީ ހަމަ އެއްކޮށް ކަތިލެވިފައި. އޭނާ ހަޅޭއްލަވާ އަޑަށް އެތަނާ ދިމާއަށް ބަޔަކު އަންނަން ފެށުމުން މާސްކް އަޅައިގެން ތިބި މީހުން ދުވެ ފިލައިގެން ދިޔައީ" ހަމަލާއިން ޒަޚަމްތަކެއް ލިބުނު މީހާއަށް އެހީތެރިވުމަށް މަސައްކަތްކުރި މާމެންދޫ މީހަކު ކިޔައިދިނެވެ.

މާމެންދޫ ބައެއް މީހުން ބުނާ ގޮތުގައި ހަމަލާގައި ޒަހަމްކޮށްލާފައި ވަނީ މަޝްހޫރު ޗިކާގެ ކޮއްކޮެއެއް ކަމަށް ބުނާ ޒުވާނެކެވެ.