(08 ފެބްރުއަރީގެ އަދަދާގުޅޭ)

ކާވެނިފުޅު ރޫޅުމާއި އަލުން ރުޖޫޢަކުރެއްވުން

أمّ المؤمنينالسّيّدة حفصةرضى اللّـه عنــهاއަކީ ނުހަނު ތަޤްވާވެރި، އަދަބުވެރި، ޚުލުޤުފުޅު ހެޔޮބޭކަނބަލެކެވެ. ގިނަގިނައިން ރޯދަ ހިއްޕަވައި، ރޭއަޅުކަން ކުރައްވައި އުޅުއްވި ބޭކަނބަލެކެވެ. ނަމަވެސް،فاروق الأعظمގެ ދަރިކަނބަލެއްގެ ޙައިޘިއްޔަތުން މިޒާޖުފުޅު ތަންކޮޅެއް ހޫނެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ވާހަކަފުޅަށް ބައެއްފަހަރު ރައްދު ޖަވާބު ދެއްވައެވެ. މިކަމާބެހޭގޮތުން ޚުދުعمر بن الخطّابرضى اللّـه عنــهވިދާޅުވެފައިވެއެވެ.

"ޤުރައިޝުވަންހައިގެ އަންހެނުންނަކީ، އެކަނބަލުންގެ ފިރިންނާ ހަރިއަރުވައި ވާހަކަދައްކައި އުޅޭބައެއް ނޫނެވެ. ފިރިންނަށް ގޮތްކިޔައިދޭ ބައެއް ނޫނެވެ. އެއްދުވަހަކު އަހަރެން ކަމަކާ ވިސްނަމުން ދަނިކޮށް، އަހަރެންގެ އަންހެނުން އަހަރެންގާތު ބުނެއްޕެވެ. "ތިޔަކަމާ އެވެނި މިވެނިހެން ހަދާށެވެ. އޭރުން ރަނގަޅުވާނެއެވެ." އަހަރެން ބުނެފީމެވެ. ކަމަނާއާ މަޝްވަރާދިނުމާ ކީކީހެއްޔެވެ؟ އެކަމަނާ ޖަވާބު ދިނެވެ. "ކަލޭގެފާނާމެދު އަޖާއިބުވެއްޖައީމެވެ. އަޅުގަނޑު މިވަރުގެ އެއްޗެއް ބުނެލުމުންވެސް، ކަލޭގެފާނަކަށް ކަމަކު ނުދިޔައެވެ. އެކަމަކު، ކަލޭގެފާނުގެ ދަރިކަނބަލުންحفصة،رسول اللّـه صلّى اللّـه عليه وسلّمދައްކަވާ ވާހަކަފުޅަށް ހަރިއަރުވައި ޖަވާބު ދެއްވައެވެ. ކޮންމެކަމަކާމެދު އެކަމަނާގެ ޚިޔާލުފާޅު ކުރައްވައެވެ."

އެވާހަކަ އިވުމުން، އަހަރެން ސީދާ ދިޔައީ އަހަރެންގެ ދަރިފުޅުحفصةގެ ގާތަށެވެ. އަހަރެން ބުނީމެވެ. ތެދެއްހެއްޔެވެ؟ ކައުސާހިބާصلّى اللّـه عليهوسلّمއާ ދަރިފުޅު ހަރިއަރުވައި ވާހަކަދައްކައި އުޅެމުހެއްޔެވެ؟

حفصةޖަވާބު ދެއްވިއެވެ.

"އާދޭހެވެ! ބައްޕާފުޅާއެވެ! އަޅުގަނޑުމެން އެހެން ހަދަމުއެވެ."

އަހަރެން ބުނީމެވެ. ޚަބަރުދާރެވެ! ކަނބުލޮ، މާތްاللّـهގެ ޢަޒާބަށް ބިރުވެތިވާށެވެ. މާތްاللّـهގެ ރަސޫލާއާ ދެކޮޅަށް ވާހަކަދައްކައި، ސުވާލުކޮށް، ޖަވާބުދީ ނަހަދާށެވެ. އެހެންނޫނީ، ދަރިފުޅަށް ދެރަގޮތެއް ދިމާވެދާނެއެވެ."

އަނބީންނާއި ފިރީން ހަމަހަމަގޮތެއްގައި، އެކަކު އަނެކަކާ ވާހަކަ ދައްކައި، އެކަކު އަނެކަކަށް ޚިޔާލާއި މަޝްވަރާދީ، ކަންކަމުގައި ފާޑުކިޔައި ހެދުމަކީވެސް، އިސްލާމްދީން އަންހެނުންނަށް ލިބިދިން ފުރުޞަތެކެވެ. ހޯދައިދިން ޙައްޤެކެވެ. މިކަމާބެހޭގޮތުން ޚުދުعمر رضى اللّـه عنهގެ އަރިހުން ރިވާވެފައިވެއެވެ.

"އަހެރެމެން ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ކުޑަވެސް އަހައްމިއްޔަތެއް ނުދެމުއެވެ. ނަމަވެސް، އިސްލާމްދީން އަންހެނުންގެ ދަރަޖަ މަތިވެރިކޮށް، އަންހެނުންނަށް ޢިއްޒަތާއި ޝަރަފު ހޯދައިދިނެވެ."

أمّ المؤمنينالسّيّدة حفصةرضى اللّـه عنــهاގެ ހޫނު މިޒާޖުފުޅުގެ ސަބަބުން ދިމާވި ކަމެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކު ބޭރުން ވަޑައިގެންނެވިއިރު،أمّ المؤمنينالسّيّدة صفيّةرضى اللّـه عنــهاއިންނެވީ ކީރިތި ކުރައްވާށެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާ ކީރިތިކުރައްވަނީ ކީއްވެތޯ ސުވާލު ކުރެއްވުމުން ވިދާޅުވިއެވެ.حفصةއާއިعائشةއާ ދެބޭކަނބަލުން އަޅުގަނޑާ ދިމާޔަށް ވިދާޅުވިއެވެ. "ތިމަންމެންނީرسول اللّـه صلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންގެ އިތުރަށް، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުންގެ ބޭފުޅުންނީމުއެވެ. ކަމަނާއަކީ ޔަހޫދީއެއްގެ ދަރިޔަކީމުއެވެ."

އިތުރު ސާހިބާحفصةގެފާނާއިعائشةގެފާނު ނަސޭހަތް ދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. "ތިޔަ ދެބޭކަނބަލުން މާތްاللّـهއަށް ބިރުވެތިވެވަޑައިގަންނަވާށެވެ!" އެއަށްފަހުصفيّةގެފާނަށް ހިތްވަރު ދެއްވުމަށްޓަކައި ވިދާޅުވިއެވެ.حفصةއާއިعائشةގެ ވާހަކަފުޅުގެ ޖަވާބުގައި، ކަމަނާ މިފަދައިން ވިދާޅުނުވީ ކީއްވެތޯއެވެ؟ "ތިމަންގެ ބައްޕައަކީ ނަބީބޭކަލެކެވެ. ތިމަންގެ ބޮޑުބޭބެއަކީ ނަބީބޭކަލެކެވެ. ތިމަންގެ ފިރިކަލަކީ،محمّد(صلّى اللّـه عليه وسلّم)އެވެ. އެހެންވީއިރު، ތިޔަބޭކަނބަލުންނަށް ތިމަންގެ މައްޗަށް ލިބިވަޑައިގަންނަވާނީ ކޮން ޝަރަފެއްތޯއެވެ."أمّ المؤمنينالسّيّدة صفيّةبنت حُيَيّއަކީ،هارون عليه السّلامގެ ނަސްލުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ.

أمّ المؤمنينالسّيّدة حفصةبنت عمر رضى اللّـه عنــهاގެ މިޒާޖުފުޅުގެ ހޫނުކަމުގެ ސަބަބުން، ކައުސާހިބާصلّى اللّـه عليه وسلّمއެއްފަހަރަކު އެކަމަނާ ވަރިކުރެއްވިއެވެ.عقبة بن عامر رضى اللّـه عنــهރިވާކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެއްފަހަރަކު އެކަމަނާ ވަރިކުރެއްވިއެވެ.عمر الفاروق رضى اللّـه عنــهއަށް އެ ޚަބަރު ލިބިވަޑައިގަތުމުން، އެކަލޭގެފާނު އިސްތަށިފުޅުގައި ދެއަތްޕުޅުން ހިއްޕަވައިގެން އިށީނދެވަޑައިގެންނެވިއެވެ. ހިތާމަފުޅުން ފޯވެވަޑައިގެން، އަމިއްލަ ނަފްސާ ވާހަކަ ދައްކަވާގޮތަށް ވިދާޅުވިއެވެ. "ހިތާމަ ހުއްޓެވެ. އަހަރެންގެ ދަރިފުޅުގެ ނިމުން މިއައިގޮތެކެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާއާމެދު މިވީ ކީއްތޯއެވެ؟"

އެހެން ރިވާޔަތެއްގައި ވެއެވެ. ކައުސާހިބާصلّى اللّـه عليه وسلّم، السّيّدة حفصةرضى اللّـه عنــهاވަރިކުރެއްވި ދުވަހާ ވިދިގެންއައި ދުވަހު، އެކަމަނާގެ ދެ މާބެއިން ކަމުގައިވާقدامة بن مظعون رضى اللّـه عنــهއާއި،عثمان بن مظعون رضى اللّـه عنــه(عثمان بن مظعون رضى اللّـه عنــهވަނީ ބަދުރު ހަނގުރާމައިގެ ފަހުން މާގިނަ ދުވަސްތަކެއްނުވެ އަވަހާރަވެފައެވެ. ކައުސާހިބާصلّى اللّـه عليه وسلّم، حفصةގެފާނުގެ ކުރީގެ ފިރިކަލުން ފަސްދާނުލުމަށް އަމުރުކުރެއްވީ،عثمان بن مظعون رضى اللّـه عنــهގެ މަހާނަފުޅާ ޖެހިގެންނެވެ. އެހެންކަމުން،قدامةގެ އަރިހުގައި ދެން ވަޑައިގަތީ،عبد اللّـه بن مظعونކަމުގައި ބެލެވެއެވެ.) އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެކަމަނާ އިންނެވީ، ކީރިތި ކުރައްވާށެވެ. އެބޭކަލުން ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. "މާތްاللّـهގަންދެއްވަމެވެ.رسول اللّـه صلّى اللّـه عليه وسلّمއަޅުގަނޑު ވަރިކުރެއްވީ، އެއްވެސް އައިބެއްގެ ސަބަބަކުންނެއް ނޫނެވެ." އެވަގުތު ކައުސާހިބާصلّى اللّـه عليهوسلّمވެސް އެތަނަށް ވަޑައިގެންފިއެވެ. އިތުރު ސާހިބާ ވަޑައިގެންނެވުމުން،أمّ المؤمنينފަރުދާކުރެއްވިއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ.

جبريل الأمينއަހުރެންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ.

އޭمحمّد(صلّى اللّـه عليه وسلّم)އެވެ. ކަލޭގެފާނުالسّيّدة حفصةވަރިކުރެއްވީތޯއެވެ؟ ހަމަކަށަވަރުން އެކަމަނާއަކީ ގިނަގިނައިން ރޯދަ ހިއްޕަވައި، ގިނަގިނައިން ނަމާދުކުރައްވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ސުވަރުގޭގައިވެސް ކަލޭގެފާނުގެ އަނބިކަނބަލެކެވެ. އަރަހުށި މާތްاللّـهއަމުރުކުރައްވަނީ، އެކަމަނާގެ ކާވެނިފުޅު ރުޖޫޢަ ކުރެއްވުމަށެވެ. އިތުރު ސާހިބާ އެވަގުތު، އަލުން ކާވެނިފުޅު ރުޖޫޢަކުރެއްވިއެވެ. ކޮންމެވެސް އިންސާނީ މައްސަލައެއްގައި، ކައުސާހިބާصلّى اللّـه عليهوسلّم،السّيّدة حفصةވަރިކުރެއްވުމުން، އެކާވެނިފުޅު ރުޖޫޢަކުރެއްވުމަށް، އަރަހުށި މާތްاللّـهއަމުރުކުރެއްވިކަމީ، ޝައްކެއްނެތް ގޮތުގައި،السّيّدة حفصةرضى اللّـه عنــهاގެ މާތްކަމާއި ތަޤްވާވެރިކަމާއި ދަރަޖަ މަތިވެރިކަމުގެ މުގުރައިނުލެވޭނެ ހެތްކެކެވެ.

އަވަހާރަވުން

أمّ المؤمنين السّيّدة حفصةرضى اللّـه عنــهاފުރައުއްތަވި އަހަރަކާމެދު އިސްލާމީ ތާރީޚުގެ އެދުރުންގެ މެދުގައި ޚިލާފު ހުރެއެވެ. އެކަމަނާ އަވަހާރަވީ، ހިޖްރައިން 41 ވަނަ އަހަރު ކަމުގައްޔާއި، 45 ވަނަ އަހަރު ކަމުގައްޔާއި، އަދި މިނޫން ގޮތްގޮތަށްވެސް ބަޔާންކުރެވިފައި ހުރެއެވެ. އަވަހާރަވީއިރުވެސް އެކަމަނާ އިންނެވީ ރޯދަފުޅަށެވެ.عابدة، زاهدة، صائمة، أديبة، محدّثةއަދި ކީރިތި ޤުރްއާނުގެ ފާރަވެރިޔާأمّ المؤمنين السّيّدة حفصةرضى اللّـه عنــهاގެ މައްޗަށް ކަށުނަމާދުކުރެއްވީ އެދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވިمروان بن الحكمއެވެ. ފަސްދާނުލެވުނީ ޖަންނަތުލްބަޤީޢުގައެވެ. ފަސްދާނު ލެއްވުމަށްޓަކައި އެކަމަނާގެ ހަށިކޮޅު އުފުއްލެވުމުގައި އޭރު މަދީނާގައި ތިއްބެވި ޞަޙާބީންގެ ތެރެއިންأبو هريرةއާއި،أبو سعيد الخدرىބައިވެރިވެވަޑައިގެންނެވިއެވެ. މަދީނާގެ ގަވަރނަރمروانވެސް ވަކިހިސާބަކަށް އެމާތް ހަށިކޮޅު އުފުއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ ލަހްދުގައި ހަށިކޮޅު ވެޑުއްވީ، އެކަމަނާގެ ދެ އަޚުން ކަމުގައިވާعبد اللّـه بن عمرއާއިعاصم بن عمرއެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުން ކަމުގައިވާسالمއާއި،حمزةއާއި،عبد اللّـهގެ އެހީފުޅާއެކުގައެވެ.

ޢިލްމުވެރިކަން

މި މަޒުމޫނުގެ އިސްވެދިޔަތާނގައި ބަޔާންކުރެވިފައިވާ ފަދައިން،أمّ المؤمنين السّيّدة حفصةرضى اللّـه عنــهاއަކީ ނުހަނު ދަރަޖަ މަތިވެރި ޢާލިމާއެކެވެ. ކީރިތި ޤުރްއާން ހިތްޕުޅުދަސް ބޭކަނބަލެކެވެ. ކައުސާހިބާصلّى اللّـه عليهوسلّمގެ ބެއްލެވުމުގެ ދަށުން، ކީރިތި ޤުރްއާން ލިޔެވިފައިހުރި ތަކެތި ތަރުތީބު ކުރައްވައި ރައްކައުކުރެއްވީ އެކަމަނާއެވެ. އެކަމަނާއަކީ، ކީރިތި ޤުރްއާނުގެ މާނައާއި މަފްހޫމްތަކާއި އަސްބާބުއްނުޒުލުގެ ވަރަށްބޮޑު ޢާލިމާއެކެވެ.أمير المؤمنين أبوبكر الصّدّيق رضى اللّـه عنهގެ އަމުރުފުޅަށް ޖަމާކުރެވުނު ކީރިތި ޤުރްއާނުގެ ރަސްމީ މުޞްޙަފުأمير المؤمنين عمر الفاروق رضى اللّـه عنهޝަހީދުވުމަށްފަހު، ރައްކާތެރިކުރައްވައި ބެލެހެއްޓެވީ އެކަމަނާއެވެ.

أمير المؤمنين عثمان ذوالنّوين رضى اللّـه عنهގެ ޚަލީފާކަމުގައި، އިސްލާމީ ދައުލަތުގެ އެކި ސަރަޙައްދުތަކަށް ފޮނުއްވި ކީރިތި ޤުރްއާނުގެ ރަސްމީ ކޮޕީތައް ލިޔުއްވުމުގައި އަސްލަކަށް ބެއްލެވުމަށްޓަކައިعثمانގެފާނު އެ އަސްލު ގެންނަވައި ކޮޕީތައް ހެއްދެވުމަށްފަހު، އަނެއްކާވެސް އެ އަސްލު ފޮނުއްވީ، އެކަމަނާގެ އަތްޕުޅަށެވެ. އެކަމަނާ އަވަހާރަވަންދެން އެ އަސްލު ރައްކާކުރައްވައި ބެލެހެއްޓެވީ އެކަމަނާއެވެ.

އެކަމަނާގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވި ޞަޙާބީންނާއި، ޠާބިޢީންގެ ޢަދަދު ވަރަށްގިނައެވެ. އޭގެތެރޭގައި،عبد اللّـه بن عمرއާއި،حمزة بن عبد اللّـه بن عمرއާއި،صفيّة بنت أبى عبيدةއާއި،حارثة بن وهبއާއި،المطّلب بن أبى وداعةއާއި،أمّ بشرއާއި،عبد الرّحمن بن الحارثއާއި،عبد اللّـه بن صفوانއާއި،شُتَيْرُއާއި،إبن شَكَلފަދަ އެތައް އެތައް ބޭބޭކައުކަނބަލަކު ހިމެނެއެވެ.

فاروقى خلافةގައި ވަރަށްގިނަ މައްސަލަތަކެއްގައި އެކަމަނާގެ އަރިހުން ފަތުވާ އައްސަވައެވެ. އެކަމަނާގެ އަރިހުން ފަސްދޮޅަސް ޙަދީޘު ރިވާވެފައިވެއެވެ.

ޞަދަޤާތް ކުރެއްވުން

السّيّدة حفصةرضى اللّـه عنــهاގެ ލޮބުވެތި ބައްޕާފުޅު އެކަމަނާއާ ޙަވާލުކުރައްވައިފައިވާ ބަގީޗާއެއް ޣާބާއެވެ ކިޔުނު ތަނުގައި އޮތެވެ. އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި، އެކަމަނާގެ ކޮއްކޯފުޅުعبد اللّـه بنعمر رضى اللّـه عنــهބަލާފޮނުއްވައިގެން ގެންނަވައި، އެ ބަގީޗާ، ޞަދަޤާތެއްގެގޮތުން ވަޤުފުކުރެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ތިންވަނަ އަހަރުއެވެ.

  2. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ބާވީސް އަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްފަސް އަހަރުފުޅެވެ.
  4. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ އަށްއަހަރުއެވެ.
  5. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅު ނުވަތަ ފަސްދޮޅަސްތިން އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން 41 ވަނަ އަހަރު ނުވަތަ 45 ވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.

އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة حفصة بنت عمرއަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ

  2. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް ޕަންޖާބު ޔުނިވަރސިޓީ - ޕާކިސްތާން
  3. ތިޒްކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
  4. އައްރަޙީޤުލްމަޚްތޫމި މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ
  5. އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  6. އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  7. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
  8. ތަފުހީމުލްޤުރްއާން ސައްޔިދު އަބުލްއަޢުލާ މައުދޫދީ
  9. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________