ކޮމާޝަލް ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ބޮޑު ކުންފުންޏެއްކަމަށްވާ ޖޯން ލޭން ލަސެލްސް ( ޖޭއެލްއެލް) އިން ރާއްޖޭގެ ރިސޯޓްތައް ވިއްކައިދިނުމުގެ ޖުމްލަ 400 މިލިޔަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ " ޒިތާލީ ކުޑަފުނަފަރު ރިޒޯޓް އެންޑް ސްޕާ"ގެ ނަމުގައި ހިންގަމުން އައި ނ. ކުޑަފުނަފަރު ވިއްކުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ފަހު އެކަން ކާމިޔާބު ވުމުން ނެރުނު ބަޔާނެއްގައެވެ.

ކުޑަފުނަފަރު ވިއްކާލާފައި ވަނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ރޮޒީ ޕެސިފިކް ހޯލްޑިންސްގެ ސަބްސިޑަޔަރީ ކުންފުންޏެއްކަމަށްވާ ރޮޒީ ހޮޓެލްސް އެންޑް ރިޒޯޓްސް އަށް 31 މިލިޔަން ޑޮލަރަށެވެ.

ޖޭއެލްއެލް އިން ބުނީ، ކުޑަފުނަފަރަކީ 2012 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އެ ކުންފުނި މެދުވެރިވެގެން ވިއްކައިލި ރާއްޖޭގެ އަށް ވަނަ ރިސޯޓްކަމަށާއި އެއާއި އެކު ރާއްޖޭގައި ހިންގި މުއާމަލާތްތަކުގެ އަގު 400 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެއާ އެކު ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކަކުން އަންނަނީ ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކުރަމުންނެވެ.