ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރުވާގެ ކަންކަން ގޮސްފައިވާ ކަންތައްތައް ގޮސްފައިވާ ހިސާބު ސާފު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެމަނިކުފާނުގެ އާއިލާއަށް ސިޓީއެއް ފޮނުވައިފި އެވެ.

މި މަހުގެ އަށް ވަނަ ދުވަހު ކަރެކްޝަނަސް އިން ވަނީ ނަޝީދުގެ ބައްޕާފުޅަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ އެމަނިކުފާނު ބޭސް ފަރުވާއަށް ފުރާވަޑައިގެންނެވި ފަހުން މިހާތަނަށް އެމަނިކުފާނުގެ ބޭސްފަރުވާ ގޮސްފައިވާ ހިސާބުގެ ތަފްސީލް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ކަރެކްޝަނަށް ހުށަހެޅުމަށެވެ.

ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތައް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ދީފައި ވަނީ 30 ދުވަހެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެގައުމުގެ ބޮޑުވަޒީރު ޑޭވިޑު ކެމެރަންއާ ބައްދަލު ކުރެއްވުމެވެ. އޭގެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކި ޓީވީ ސްޓޭޝަންތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތެވެ. އަދި އެއަށްފަހު ޑޭވިޑު ކެމެރަންގެ ލަފާފުޅުގެމަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ނަޝީދުގެ އޮފީހުން ވަނީ ބުނެފައެވެ.

ކަރެކްޝަނަލް ސާވިސްއާ އެކު އެއްބަސްވެފައިވާގޮތުގެމަތިން ހުރިހާ މައުލޫމާތެއް ރައީސް ނަޝީދު އެ ސާވިސް އަށް ހިއްސާކުރައްވާނެ ކަމަށް ނަޝީދުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ސްރީލަންކާގައި ހުންނެވި ތަނުގެ މައުލޫމާތާއި އަދި މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ތަނުގެ މައުލޫމާތު ވެސް ކަރެކްޝަނަލް ސާވިސްއާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ކަރެކެޝަންސްގެ ސިޓީއާ ގުޅިގެން އެމަނިކުފާނުގެ ވަކީލު ހަސަން ލަތީފު ވަނީ، ރައީސް ނަޝީދާ ބެހޭ އެއްވެސް މުއާމަލާތެއް އެމަނިކުފާނުގެ ބައްޕާފުޅާ ނުކުރުމަށާއި، ކަރެކްޝަންސް އިން ނަޝީދުގެ ބައްޕާފުޅަށް ސިޓީ ފޮނުވި ސަބަބު އަންގައިދިނުމަށް އެދިފަ އެވެ.