ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)ގެ އަތުން، ގުޅީފަޅުން ކުއްޔަށް ހިފާފައިވާ ބިންތަކަކުގެ މައުލޫމާތު ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އަށް އެންގުމަށް އެ ކުންފުނިން އެދިފިއެވެ.

ޖީއައިއެލް އާއި ޖީޕީޑީ އާ ދެމެދު ކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށްފަހު 06 ފެބުރުއަރީ 2016 ވަނަ ދުވަހުން ފެށިގެން ގުޅިފަޅު ތަރައްޤީ ކުރުމާއި، ކުއްޔަށް ދިނުމާއި، ބެލެހެއްޓުން، އަދި ގުޅިފަޅާ ގުޅޭ އެހެނިހެން ހުރިހާ ކަމަކާ ހަވާލުވެފައިވަނީ ގުޅިފަޅު އިންވެސްޓްމަންޓުގެ ފަރާތުންނެވެ.

ޖީއައިއެލް އިން މިއަދު ބުނީ ޖީޕީޑީ އިން ގުޅިފަޅު ބެލެހެއްޓުމުގެ މުއްދަތުގައި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތެއްވާނަމަ، މިމަހު 18 ގެ 15:00ގެ ކުރިން އެކުންފުއްޏަށް އެންގެވުމަށް އެދޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކި 10 ހެކްޓަރުގެ ގުޅީފަޅު، ތަރައްގީ ކުރާ ކުންފުނީގެ އަތުން ފުލުހުން މެދުވެރިކޮށް އެ ރަށް އަތުލައި، މީގެ ފަސް ދުވަސްކުރިން ވަނީ އެ ރަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޖީޕީޑީގެ އަތުން ގުޅީފަޅު އަތުލަން ނިންމީ ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ އާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައި ނުވާތީ އެވެ.