ށ. އަތޮޅު ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެކުއްޖާ މަރާލިކަމުގެ ތުހުމަތުގައި 29 އަހަރުގެ އަންހެނަކު ނޫމަރާއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމަށް ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ބޮޑަށް ބެލެވެނީ އެ ކުއްޖާގެ މަންމަ އެ ކުއްޖާ މަރާލީ ކަމަށެވެ. އަދި އެ ކުއްޖާ މަރާލާފައި ވަނީ ގަޔަށް ވަޅިހަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ކައުންސިލުން ބުނީ ހަތަރު އަހަރުގެ އެ ކުއްޖާގެ މަންމައަކީ ކޮންމެވެސް ވަރަކަށް ބުއްދި ހަމަނުޖެހޭ މީހެއް ކަމަށާއި އެ ދެމައިން ރޭ ނިދީ އެއް ކޮޓަރީގައި ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި އެ މައްސަލަ ކައުންސިލަށް ރިޕޯޓް ކުރީ އެ ކުއްޖާގެ ކާފަ އެވެ. އަދި ކާފަ ފަތިސް ނަމާދަށް ހޭލުމަށް ފަހު، އެ ކޮޓަރި ބަލާލި އިރު އެ ހާދިސާ ހިނގައިގެން އުޅޭ ކަމަށާއިި އޭނާ ވަގުތުން ކައުންސިލަށް އެންގި ކަމަށެވެ.