އަބޫދާބީ (ފެބްރުއަރީ 11): ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ފުރަތަމަ އުފާވެރިކަމާ ބެހޭ ވަޒީރަކަށް އުހޫދު އަލް ރޫމީ ކިޔާ އަންހެން ބޭކަނބަލަކު ހަމަޖައްސަވާފައިވާ ކަމަށް ޔޫއޭއީގެ ނައިބު ރައީސް އިއްޔެ އިއުލާންކުރައްވައިފި އެވެ.

އުފާވެރިކަމާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތަކީ "އިޖުތިމާއީ ގޮތުން އެންމެ ރަނގަޅު އަދި އެންމެ ހިތްހަމަޖެހޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އިސްލާހުކުރުމަށް އިރުޝާދު ދިނުން" ކަމަށް ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ޝޭހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވިދާޅުވި އެވެ.

އަލް ރޫމީ މަގާމަށް ހަމަޖެއްސެވިކަން އިއުލާން ކުރައްވަމުން ޝޭހް މުހައްމަދު ވިދާޅުވީ، އަލް ރޫމީ މިހާރުވެސް ގެންދަވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ކަމަށެވެ. އަދި އެމަގާމުގައި އަދިވެސް ހުންނަވާނެ ކަމަށެވެ.

ޝޭހް މުހައްމަދު ވަނީ އުފާވެރިކަމަކީ ޔޫއޭއީގެ "ރައްޔިތުންގެ އާދައިގެ ދިރިއުޅުމުގެ ބަޔަކަށް" ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ކޮންމެ އަހަރަކު ނެރޭ ވޯލްޑް ހެޕިނެސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދުނިޔޭގެ އެންމެ އުފާވެރި ރައްޔިތުން ދިރިއުޅޭ ގައުމުގެ ގޮތުގައި ފާހަގަ ކުރެވުނީ ސުވިޒަލޭންޑެވެ. ޔޫއޭއީ އޮތީ ލިސްޓުގެ 20 ވަނައިގަ އެވެ. (އަލްޖަޒީރާ)