11 Feb 2016, 12:55
ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަ ކުރައްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ރޭ ފުވައްމުލަކަށް ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަށް މިނިސްޓަރު ކުރައްވާ އެ ދަތުރުފުޅުގައި ފުވައްމުލަކުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިނިސްޓަރުގެ އެދަތުރުފުޅުގައި ފުވައްމުލަކު ސުކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުން އަދި ކޮމިޓީ ތަކާ ބައްދަލުކުރައްވައި ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
އަދި ސުކޫލްތަކުގެ ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާ ބެހޭ ގޮތުންނާއި، ސްކޫލުތަކަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަންތައްތައް ހައްލު ކުރާނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
ހަމައެހެންމެ، ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓުމަންޓުތަކުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ފުވައްމުލަކުގެ ސުކޫލްތަކާ ހަވާލުވެ ތިބި ފަރާތްތަކަށް މައުލޫމަތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.