11 Feb 2016, 11:32
ޗޮކުލެޓުގެ ރަހަ ބަލާލުމުގެ ފުރުސަތާ އެކު، އެސްޓީއޯގެ "ޗޮކްލެޓު ވީކު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓީއޯ ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗޮކުލެޓު ވީކު ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީނިއާ ޖެނެރަލް މެނޭޖަރު، ރީޖަނަލް ފުޑް އެންޑު ބަވަރެޖު ފާތިމަތު އާޝާން އެވެ.

އެސްޓީއޯ "ޗޮކުލެޓު ވީކު" ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޝާން ވިދާޅުވީ، އެސްޓީއޯ އިން ޗޮކުލެޓު ވީކު ޕްރޮމޯޝަން ކުރިއަށް ގެންދާތާ ނުވަ އަހަރު ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޕްރޮމޯޝަން މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ކުރިއަށް ދާނެ ކަމަށް އާޝާން ވިދާޅުވި އެވެ.
"އެސްޓީއޯ ވިލިމާލެ އަދި ހުޅުމާލެ މިތިން ފިހާރަ އިން ޗޮކުލެޓު ވީކު ކުރިއަށްގެންދާ ގޮތަށް [މިއޮތީ]. ބައެއް ކުންފުނިތަކުން އެސްޓީއޯގެ ޗޮކުލެޓު ވީކަށް ހާއްސަކޮށްގެން ޕްރޮޑަކްޓްސް އެބަ ހުރި ގެނެއްސަ ހަމައެކަނި އެ ޕްރޮޑަކްޓްސް ލިބެން މިވަގުތު ހުރީ އެސްޓީއޯގެ ސުޕަ މާޓުން." އާޝާން ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ، މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިފަހަރުގެ ޕްރޮމޯޝަންގައި ވެސް ޗޮކުލެޓުން ހާއްސަ ޑިސްކައުންޓުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
ހަމައެހެންމެ، ޗޮކުލެޓުގެ 200 ރުފިޔާ އަށް ވުރެ މަތީ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އަދި އެ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ލަކީޑްރޯއަކުން ނަސީބުވެރި ތިން މީހަކު ހޮވައި، އެ ތިން ފަރާތަކަށް އެކި ވައްތަރުގެ ޗޮކުލެޓު ހިމެނޭ ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ހަމައެހެންމެ، ވަކި އައިޓަމްތަކަކުން "ބައިވަން ގެޓްވަން ފްރީ" ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ "ޗޮކުލެޓު ވީކު" ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ
މި ފަހަރުގެ ޕްރޮމޯޝަންގައި، ލިންޓު، ބައުންޓީ، ކެޑްބަރީ، ޓްވިކްސް ސްނިކާސް، މާސް، ބަލްސަން، ގެލެކްސީ، ކިޓްކެޓު، ޓޮބްލެރޯންގެ އިތުރުން ޖެމްސް އާއި ފެރާރޯގެ ފަދަ ބްރޭންޑުތަކުުގެ ޗޮކުލެޓު ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދަނީ، ވީބީ، ސިމްޑީ އާއި ކައުންޓުލައިންގެ އިތުރުން ޔޫރޯ އާ ގުޅިގެން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.