ދައުލަތުގެ ހަޒާނާ އާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށާއި އެއީ ފަރުދީ ގޮތުންނާއި ސިޔާސީ ވެރީންގެ ހައިސިއްޔިތުން ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަންކަން ނުކުރުމަށް ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އާންމުންގެ ހިތުގައި [ދައުލަތުގެ ހަޒާނާއާ ބެހޭ ގޮތުން] އޮންނަން ޖެހޭ އިތުބާރު ދަމަހައްޓައި، ނެގެހެއްޓުމަށް ގައުމުގެ ސިޔާސީ ވެރިންގެ ކޮންމެހެން ވެސް [އެއީ] އުފުލަން ޖެހޭ މުހިންމު ޒިންމާ" އެއް ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، "އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް 'ސީދާ އިންވޯލް ވެގެން' ރާއްޖެ އަށް 1.5 ބިލިއަން ޔޫއެސް ޑޮލަރުގެ ނަގުދު ފައިސާ ގެނެސްފައިވާ ކަމަށާއި އެ ފައިސާ 'ދައުލަތުގެ ހަޒާނާގައި ބެހެއްޓުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް' ދައުލަތުގެ އެކައުންޓްތަކަށް އެ ފައިސާ ލުމަށް ފަހު، އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށް" ދެއްކެވި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް މުޅީން ދޮގުވާހަކަތަކެއް ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އެފަދަ ވާހަކަތަކަކީ ދައުލަތުގެ މުއައްސަސާއަކާއި އެ މުއައްސަސާގެ އިސް ވެރިޔާގެ އިތުބާރާއި އަބުރާއި އިއްޒަތް ގެއްލުވާލުމަށް ދައްކާފައިވާ މުޅީން ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ދައްކައި، އެމްއެމްއޭ އާއި އެމްއެމްއޭގެ އިސް ވެރީން ބަދުނާމުކޮށް، ދޮގު އިލްޒާމު އަޅުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށެވެ.

ސެންޓްރަލް ބޭންކުން ބުނީ ދައުލަތުގެ ހަޒާނާ ހުންނަނީ އެމްއެންޑީއެފްގައި ނޫން ކަމަށާއި އެމްއެމްއޭގައި ކަމަށެވެ. އަދި ދައުލަތުގެ ހަޒާނާ އަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގާ ކަމެއް ކަމަށާއި "އެ ކަންކަން ކުރިއަށް ދަނީ އެމްއެމްއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އޮޑިޓަރު ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އިސް ބޭފުޅުންގެ ހާޒިރުގައި" ކަމަށެވެ.