ދިމިޝްގު (ފެބްރުއަރީ 11): ސީރިއާގެ ހަލަބު ޕްރޮވިންސްގައި ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން އެސަރަހައްދުގެ 50،000 ވަރަކަށް މީހުން ގެދޮރުދޫކޮށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ)އިން ބުނެފި އެވެ.

ސީރިއާގެ ސަރުކާރުން ދަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ހަލަބުގައި ހިފާފައިވާ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އިދިކޮޅު ފަރާތްތަކާ ހަނގުރާމަ ކުރަމުންނެވެ.

އައިސީއާރްސީން ބުނާ ގޮތުގައި ހަލަބް ޕްރޮވިންސުގެ ވެރިރަށް، ހަލަބު ސިޓީގައި ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އަދި އެސަރަހައްދަށް ފެނުގެ ހިދުމަތް ވަނީ ކެނޑިފައި ކަމަށާއި ސަރަހައްދުގެ އާއްމުންނަށް އެހީ ފޯރުކޮށްދޭ މަގުތައް ވަނީ ބަންދުކޮށްފައި ކަމަށް އައިސީއާރްސީން ބުންޏެވެ.

"[އަލެއްޕޯގައި] މިދުވަސްކޮޅު ވަރަށް ފިނި. ބޭނުންވާ ވަރަށް ކާނާއާއި، ފެނާއި، ހިޔާ ނުލިބުމުގެ ސަބަބުން ގެދޮރު ދޫކޮށްލާފައި ދާން ޖެހުނު މީހުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި،" ސީރިއާގައި ހުންނަ އައިސީއާރްސީގެ އިސްވެރިޔާ މެރިއެން ގޭސާ ވިދާޅުވި އެވެ.

ހަލަބު ދޫކޮށްފައިދާ ގިނަ މީހުން ދިރިއުޅެމުން ދަނީ ތުރުކީއާ ސީރިއާ ގުޅޭ ސަރަހައްދުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކުގަ އެވެ. އޭގެ ތެރެއިން ގިނަ ކޭމްޕްތައް މިހާރު ވަނީ ފުރިފައި ކަމަށާއި މީހުންނަށް އެހީ ފޯރުކޮށްދިނުން ވަނީ ދަތިވެފައި ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ބުންޏެވެ.

އީރާނުގެ ހަނގުރާމަވެރިންނާއި ރަޝިއާގެ ވައިގެ ހަމަލާތަކުގެ އެހީގައި ސީރިއާގެ ސަރުކާރުން ހަލަބު ވަށާލައިފި ނަމަ 300،000ށް ވުރެ ގިނަ މީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްނުދެވޭނެ ކަމަށް ޔޫއެން އިން ބުންޏެވެ. އަދި މިމަހު ހަލަބުގައި ފެށި ހަނގުރާމައިގެ ސަބަބުން 500 މީހަކު މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ. އޭގެ ތެރޭގައި 89 އާއްމުން ހިމެނޭ ކަމަށް އޮބްޒަވޭޓަރީ އިން ވަނީ ލަފާކޮށްފަ އެވެ. (ބީބީސީ)