ފ. ނިލަންދޫގައި ގަހަކުން ވެއްޓުނު ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަހުން ވެއްޓި އަނިޔާވެފައި ވަނީ ގއ. ވިލިނގިލި ކިނބިމާގެ، ޝިމާޒް ރަފީގް އަށެވެ.

އައިޖީއެޗްގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، ގަހުން ވެއްޓުނު ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި މިހާރު ވެސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިހާރު އޭނާ ރާއްޖޭން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޝިމާޒް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ އިރު އެންމެ ފުރަތަމަ އޭނާ ގެންގޮސްފައި ވަނީ ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ޝިމާޒްގެ ކަނދުރާއަށް ގެއްލުންވެފައިވާ ކަމަށެވެ.

"ފުރަތަމަ ހަށިގަނޑުގެ ތިރީ ބައިގައި އިހުސާސްވެސް ނެތީމާ މާލެ އަށް ފޮނުވާލީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ޝިމާޒްގެ މައިބަދަ އަށްވެސް ގެއްލުންވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.