ބްރަސަލްސް (ފެބްރުއަރީ 11) : ރަޝިޔާގެ އަސްކަރީ ބާރާ ކުރިމަތިލުމަށް ޓަކައި ނޭޓޯގެ އިރުމަތީ ފަޅީގެ ގައުމުތަކުގެ އަސްކަރީ ބާރު ވަރުގަދަ ކުރަން އެޖަމާއަތުން ރަސްމީކޮށް ނިންމައިފި އެވެ.
މިކަން ނިންމީ ބްރަސަލްގައި އިއްޔެ ނިމުނު ނޭޓޯގެ ގައުމުތަކުގެ ދިފާއި ވަޒީރުންގެ ބައްދަލުވުމުންނެވެ. މިކަން ބަޔާންކުރައްވަމުން ނޭޓޯގެ ސެކްރެޓަރީ ޖަނަރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވީ ރަޝިޔާގެ އަމަލުތައް މިހާރުހުރީ އުދުވާނީ ގޮތަކަށްކަމަށާއި އެހެންކަމުން ރަޝިޔާއަކީ ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި ނޭޓޯ މިހާރު ދެކޭކަމުގަ އެވެ.
ރަޝިޔާއާ ކުރިމަތިލުމަށް ޓަކައި ނޭޓޯގެ އިރުމަތީ ފަޅީގެ ގައުމުތައް ކަމަށްވާ ޕޮލެންޑް، ރުމޭނިޔާ އަދި ބޯލްޓިކް ގެ ގައުމުތަކުގައި އަސްކަރީ ބާރު ވަރުގަދަކުރަން ނޭޓޯ އިން ނިންމީ ރަޝިޔާގެ އަމަލުތައް ހުރިގޮތުގެ ސަބަބުންކަމަށް ސްޓޯލްޓަންބާގް ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާގޮތުން ޕޮލެންޑް، ރުމޭނިޔާ އަދި ބޯލްޓިކް ގެ ގައުމުތަކުގައި ނޭޓޯ އިން ރުކުރުވާލުމަށް ހަމަޖެހިފައި ވަނީ ބަރުހަތިޔާރެވެ. މީގެ ތެރޭގައި ޓޭންކާއި މިސައިލާއި ރާޑަރުތަކާއި ފައިޓަރ ޖެޓްތައް ހިމެނެ އެވެ. މީގެ އިތުރުން މިގައުމުތަކުގައި ނޭޓޯގެ އިތުރު ސިފައިން ބޭތިއްބުމާއި އަސްކަރީ ތަމްރީންތައް ކުރިޔަށްގެންދިޔުމަށް ވެސް ނޭޓޯ އިން ވަނީ ނިންމައިފަ އެވެ.

ރަޝިޔާއާއި ނޭޓޯގެ ގައުމުތަކުގެ ގުޅުންތައް ގޯސްވީ 2013 ވަނަ އަހަރުގެ ފަހުކޮޅުގައި ކުރިމަތިވި ޔުކްރޭންގެ މައްސަލައާ ގުޅިގެންނާއި ޕޮލެންޑާއި ރުމޭނިޔާ ހިމެނޭގޮތަށް މިސައިލް އައްޑަނައިގެ ނިޒާމެއް ބިނާކުރަން ނޭޓޯއިން ފެށުމާގުޅިގެންނެވެ. މިސައިލްއައްޑަނައިގެ ނިޒާމަކީ އީރާނާދެކޮޅަށް ބިނާކުރާ ނިޒާމެއްކަމަށް ނޭޓޯ އިން ބުނި ނަމަވެސް އެއީ އޮޅުވާލުމެއް ކަމާ އެނިޒާމުގެ ބޭނުމަކީ ރަޝިޔާގެ ދިފާއި އައްޑަނައިގެ މައިބަދަ ކަމަށްވާ ސްޓްރެޓީޖިކް މިސައިލްތަކުގެ ބާރު ކަނޑުވަލުންކަމަށް ރަޝިޔާ ދެކެ އެވެ.
އަނެއްކޮޅުން ޔުކްރޭންގެ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަމުންދާ ކަމަށްބުނެ އެމެރިކާއިސްވެ އޮވެގެން ނޭޓޯގައި ހިމެނޭ ބޮޑެތި ބާރުތައް ގުޅިގެން ރަޝިޔާއާ ދެކޮޅަށް ވަނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އަދި ރައްދުގައި ރަޝިޔާ ވެސް ވަނީ އެގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނޭޓޯއާއި ގުޅުންތައް ގޯސްވުމާ އެކު ރަޝިޔާ އިން ވަނީ ނޭޓޯއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އެގައުމުގެ އަމަނާބެހޭ އައު ސްޓްރެޓެޖީގައި ހިމަނައިފަ އެވެ.

ރަޝިޔާގެ ރައީސް ވަލްޑިމިއަރ ޕޫޓިން ސޮއިކުރެއްވައި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނެރުނު އެގައުމުގެ އަމަނާބެހޭ އައު ސްޓްރެޓެޖީގައި ނޭޓޯގެ އިތުރުން އެމެރިކާއަކީ ވެސް ރަޝިޔާގެ އަމްނާއި ސަލާމަތަށްހުރި ނުރައްކާތަކުގެ ގޮތުގައި ފާހަގަކޮށް ފައިވެ އެވެ. މިގޮތުން އެދެފަރާތުގެ ނުރައްކަލާކުރިމަތިލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ރަޝިޔާގެ އަސްކަރީ ސްޓްރެޓެޖީގައި ހިމަނާފައި އެވެ.
މިއީ 2009 ވަނަ އަހަރު ރަޝިޔާގެ އޭރުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ސޮއިކުރެއްވި ރަޝިޔާގެ އަމަނާ ބެހޭ އައު ސްޓްރެޓެޖީ ބަދަލުކޮށް ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އަލަށް އެކުލަވާލި ސްޓްރެޓެޖީ އެވެ. އޭގެކުރިން އެމެރިކާ އާއި ނޭޓޯއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް ހުރި ނުރައްކާތަކުގެ ގޮތުގައި ފާހަގަކޮށްފައެއް ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު (ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު) ގަ އެވެ. މީގެ އިތުރުން ރަޝިޔާ ދަނީ ވަރަށް ފަޅުކަން ބޮޑުގޮތެއްގައި މެދުއިރުމަތީގައި ވެސް އެމެރިކާއާ ސަރަހައްދީ ފެންވަރުގައި ކުރިމަތިލަމުންނެވެ. އަދި ސަލާމަތީ މަޖިލީހުގައި އެމެރިކާ އާ ދެކޮޅަށް އެކިކަންކަމުގައި ވީޓޯގެ ބޭނުންކުރުމަކީ ވެސް އެއްވެސް ޖެހިލުމެއްނެތި ވަރަށް ގިނައިން ރަޝިޔާ ކުރާކަމަކަށް މިހާރު ވަނީ ވެފަ އެވެ.

(ނޫސްއެޖެންސީތައް)