ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ނެޓްބޯލް ޓީމަށް އަންނަ މަހު ބިދޭސީ ކޯޗެއް އަންނާނެ ކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ ނައިބުރައީސް އާމިނަތު ނީމާ ވިދާޅުވީ، އޭޝިއަން ނެޓްބޯލް ފެޑެރޭޝަނުން ރާއްޖޭގެ ޓީމަށް ކޯޗެއް ހަމަޖައްސައި ދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށެވެ.

ނީމާ ވިދާޅުވީ، އަންނަ މަހު ބިދޭސީ ކޯޗެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ލަންކާގެ ކޯޗެއް މިހާރުވެސް ޔަގީންކަން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އޭޝީއަން ނެޓްބޯލް ފެޑެރޭޝަނުން ކޯޗް ހަމަޖައްސަވައިދެއްވާނެ ކަމަށް. ނަމަވެސް އަޅުގަނޑަށް ޔަގީންކަން ދެވިދާނެ ފޮރިން ކޯޗެއް އަންނާނެ ކަން އެއީ އޭޝިއަން ނެޓްބޯލް ފެޑެރޭޝަނުން ހަމަނުޖެހުނަސް ލަންކާގެ ކޯޗެއް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް." ނީމާ ވިދާޅުވިއެވެ.

ނެޓްބޯލް ޓީމުން މިހާރު ވަނީ އެމުބާރާތަށް ނެޓްބޯލް ޓީމު އެކުލަވާ ލުމަށްޓަކައި ނެޝަނަލް ނެޓްބޯލް ޕޫލެއް ފަށާފައެވެ.

ނީމާ ވިދާޅުވީ، މިހާރުވެސް އެ ޕޫލްއާ ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ޕޫލްގައި ރަނގަޅަށް ޕާފޯމް ކުރާ ފަރަތްތަކަށް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމުން ޖާގަ ލިބިގެންދާނެ ކަމަށެވެ.

ނެޝަނަލް ނެޓްބޯލް ޕޫލްގައި އެންމެ ފަހުން އެކުލަވާލި ނެޓްބޯލް ޓީމުގައި ހިމެނުނު ކުޅުންތެރިންވެސް ހިމެނެއެވެ.