11 Feb 2016, 09:45
ބަލިނުވެ 29 މެޗު ހަމަކޮށް ބާސެލޯނާ އިން 2009 ވަނަ އަހަރު ހަދާފައިވާ ރެކޯޑްއާ ކުރުމަށްފަހު ސްޕެނިޝް ކަޕްގެ ފައިނަލަށް އެޓީމު ދަތުރު ކޮށްފިއެވެ.
ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު ފުރަތަމަ ލެގުގައި މި ދެޓީމު ކުޅުނު މެޗު ބާސާ ކާމިޔާބް ކުރީ 0-7ގެ ނަތީޖާއަކުންނެވެ. އެހެންކަމުން އެ މުބާރާތުގެ ފައިނަލުން ބާސާއަށް ޖާގަ ލިބުނީ 1-8ގެ އެގްރިގޭޓް ނަތީކާއަކުންނެވެ.

ވެލެންސިއާ އާއި ބާސާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 39 ވަނަ މިނެޓްގައި ވެލެންސިއާ އިން ވަނީ ގޯލެއް ކާމިޔާބް ކޮށް ބާސާ ސިއްސުވާލާފައެވެ. އެ ގޯލު ޖަހައިދިނީ ޓީމުގެ ފޯވާޑް އަލްވާރޯ ނެގްރޭޑޯއެވެ.
އެ މެޗުގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްދިން ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިލްފްރެޑް ކަޕްޓޫމްއެވެ.
ފުރަތަމަ ލެގްގެ މެޗު ބޮޑު ތަފާތަކުން ބާސާއިން ކާމިޔާބް ކޮށް ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައި ވުމުން ރޭގެ މެޗަށް އެޓީމުން ވަނީ ޒުވާން ގިނަ ކުޅުންތެރިން ތަކަަކަށް ފުރުސަތުދީފައެވެ.

ވެލެންސިއާ އާއި ބާސާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނީ ރެކޯޑެއް ހެދުމުން އެކަމާ ނުވިސްނާ ކަމަށާއި ހުރިހާ ވެސް ވިސްނުމެއް ހުރީ ކުރިއަށް އޮތް ފައިނަލް މެޗުން މޮޅުވެ ތަށި އުފުލާލަން ކަމަށެވެ.
ސްޕެނިޝް ކަޕްގެ ފައިނަލްގައި ބާސާއާ ދެކޮޅަށް ނިކުންނަ ޓީމެއް ކަށަވަރުވެގެން ދާނީ މިރޭ ސެވިއްޔާ އާއި ސެލްޓަ ވީގޯ ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗަށް ފަހުގައެވެ.