11 Feb 2016, 09:28
ކަރު ކައިރި ކަޅުވެ ކުލަ ހަޑި ވުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަަކު ގަބޫލު ކުރެއެވެ. އެފަދަ މީހުންނަކީ "ފެން ނުވަރާ" ހަޑިކޮށް އުޅޭ މީހުން ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ފެން ނުވަރާ ސާފުތާހިރު ނުވުމުން މެދުވެރިވާ ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
ސަބަބަކީ އެއީ ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތަކުން ނުވަތަ އަދާ ކުރާ ވަޒީފާއެއްގެ ސަބަބުން ވެސް މެދުވެރި ވެދާނެ ކަމެކެވެ. އެގޮތުން މަސްވެރިކަން ކުރާ މީހުންނާއި، ގިނަ ވަގުތު އަވީގައި ނުވަތަ މޫދުގައި އުޅޭ މީހުންނަށް އެ މައްސަލަ ވަރަށް ގިނައިން ދިމާވެއެވެ.
ކަރު ކައިރި ކުލަ ހަޑިވެ ކަޅު ވާނަމަ ގޭގައި ވެސް ފަރުވާ ދެވިދާނެއެވެ.
ކާށި ތެޔޮ: ކޮންމެ ދުވަހަކުވެސް އެއް ފަހަރު ކަރުގައި ކާށި ތެޔޮ ހާކާށެވެ.
ލުނބޯ: ކަރުގައި ލުނބޯ ހާކާށެވެ. ލުނބޯ ހޭކުމުން ކަރުގެ ކުލަ އަލިވާނެ އެވެ.
ބޭކިން ސޯޑާ: ބޭކިން ސޯޑާ ކޮޅެއް ފެންފޮދަކާ އެއްކޮށްލުމަށްފަހު ކަރުގައި ހާކާށެވެ.
ކިއުކަމްބާ: ކަރުގެ ކަޅުވެފައިވާ ސަރަހައްދުގައި ކިއުކަމްބާގެ ދިޔަ ހާކާށެެވެ.
އޯޓްސް އާއި ޓޮމާޓޯ: ޓޮމާޓޯ ޕަލްޕް ކޮޅެއް އޯޓްމީލް އާއި އެއްކޮށްލުމަށްފަހު ކަރުގައި ހާކާށެވެ.
މާމުއި: މާމުއި ބޭނުންކޮށްގެން ކަރު މަސާޖު ކުރާށެވެ. އެއަށްފަހު ދޮވެލާށެވެ. މާމުޔަކީ ކުލަ އަލިކޮށްދޭ އެއްޗެކެވެ.
ރޯސް ވޯޓާ: ރޯސް ވޯޓާ ބޭނުންކޮށްގެން ކަރު ކައިރި ދޮންނާށެވެ. ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ އެވެ.
އެލޫވެރާ ޖެލް: ކަރުގެ ކަޅުވެފައި ހުންނަ ސަރަހައްދުގައި އެލޫވެރާ ޖެލް ހާކާށެވެ.
ސްކްރަބް: ހަކުރާއި ލުނބޯ ހުތް ބޭނުންކޮށްގެން ސްކްރަބެއް ތައްޔާރު ކުރާށެވެ. އަދި ކަރުގައި މަރުވެފައި ހުންނަ ހަންތައް ސާފު ކުރުމަށް ސްކްރަބް ކުރާށެވެ.
ލުނބޯ އަދި ކިއުކަމްބާ: ކިއުކަމްބާ ދިޔަ އާއި ލުނބޯ ހުތް ކޮޅެއް އެއްކޮށްލުމަށްފަހު ކަރުގައި ހާކާލާށެވެ.
އޯޓްސް: އޯޓްސް ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރު ކުރުމަށްފަހު ކަރުގައި ސްކްރަބް ކުރާށެވެ.
މަތީގައި ފާހަގަކޮށްލެވުނީ ކަރު ގެ ކުލަ އަލިކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ. އެހެންނަމަވެސް ބޭރަށް ދާއިރު ސަން ސްކްރީން ބޭނުން ކުރުމާއި ނިދުުގެ ކުރިން މޫނާއި އަތް ދޮވުމަށް އަބަދުވެސް ހަނދާން ބަހައްޓާށެވެ.