11 Feb 2016, 08:49
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ، އެ ދެކަނބަލުން ދިރިއުޅެމުން ދިޔަ ގޭގައި މަސައްކަތް ކުރާ ނޯކަރަކަށް އިހާނެތިކޮށް ހިތި މައްސަލައެއް ކޯޓުގައި ސާބިތުވެ، ސާރާ ނަތަންޔާހޫ ކުށްވެރިވެއްޖެ އެވެ.
މެނީ ނަފްތަލީ ނަމަކަށް ކިޔާ މި ނޯކަރަކީ، ނަތަންޔާހޫގެ ދެކަނބަލުން ޤުދުސްގައި އިސްރާއީލުގެ ފަޅީގައި ދިރިއުޅެމުން ދިޔަ ގެކޮޅުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، ސާރާ ނަތަންޔާހޫ ވަނީ ނޯކަރު ނަފްތަލީއަށް ވަރަށް ބޮޑަށް އިހާނެތިކޮށް ހިތައިފަ އެވެ.
އޭގެ ތެރޭގައި ކުދިކުދި ކަންކަން ކުރުމަށް އަމުރުކުރުމާއި، ޖެއްސުންކުރުމާއި ދިމާކުރުމާއި ލަދުގެންނެވުމުގެ އިތުރުން ރުޅި އިސްކޮށް، އެއްޗެހި ގޮވުން ހިމެނޭ ކަމަށް އޭނާ ކޯޓުގައި ބުނެފައި ވެ އެވެ.
އެއް ހާދިސާގައި ސާރާ ނަތަންޔާހޫ، ތާޒާ މާތަކެއް ނޫން ކަމަށް ބުނެ ޝަކުވާ ކޮށް، މާ އަޅާފައި ހުރި ވާސްއެއް ބިންމައްޗަށް އެއްލައި ތަޅައިލި ކަމަށް މެނީ ނަފްތަލީ ބުންޏެވެ.
މި ހާދިސާތަކަށް ބާރުދޭ ހެކި، ކޯޓަށް ހުށަހަޅާފައިވާ އިރު، ކޯޓުން ވަނީ ހެކިންގެ ހެކިބަސް ވެސް ގަބޫލު ކޮށްފަ އެވެ. އަދި މި މައްސަލައިގައި ސާރާ ނަތަންޔާހޫ ކުށްވެރިވާ ކަމަށް ހުކުމްކޮށް، އިހާނެތިކޮށް ހިތި ނޯކަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 43،700 އެމެރިކާ ޑޮލަރު ދިނުމަށް ކޯޓުން އަމުރު ކުރި އެވެ.
މެނީ ނަފްތަލީ، ނަތަންޔާހޫގެ އާއިލާއަށް އެއް އަހަރާއި އަށް މަސް ދުވަހު ނޯކަރުކަން ކޮށްދިނުމަށް ފަހު ވަޒީފާއިން ވަކިވީ 2012 ވަނަ އަހަރު އެވެ.