ނޫސްވެރިންނަށް ހަމަލާދިނުމަކީ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ދެވޭ ހަމަލާތެކެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[އިން ސިފަކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.

އެމްއެންބީސީގެ ޖާނަލިސްޓް، މުހައްމަދު ސާދިގަށް ރޭ ދަންވަރު ބަޔަކު ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން، އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ފަހަކަށް އައިސް ނޫސްވެރިންނަށް ޖިސްމާނީ ގޮތުން އަނިޔާތައް ދިނުން އިތުރުވެފައިވާ ކަމަށާއި އެފަދަ ހަމަލާތައް ނޫސްވެރިންނަށް ދިނުމަކީ ނޫސްވެރިކަން ނައްތާލުމަށް ދެވޭ ހަމަލާތަކެއް ކަމަށް ބުނެ، އެކަން ކަމުގެ ފަހަތުގައި "ސިޔާސީ އަތެއް" އޮވެދާނެތީ ކަންބޮޑުވާ ކަމަށެވެ.

ނޫސްވެރިންނަށް ދޭ ހަމަލާތައް އަވަސް މައްސަލަތަކުގެ ގޮތުގައި ބައްލައި ކުށްވެރިވާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އެޅުމަށާއި ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭނެ ގާނޫނުތައް އަވަހަށް ފާސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް އެމްޖޭއޭ އިން ވަނީ ގޮވައިލައިފަ އެވެ.

"ރާއްޖޭގައި ނޫސްވެރިންގެ ހިމާޔަތާއި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ހުރި މުއައްސަސާތަކުން، ނޫސްވެރިންނަށްދޭ މިފަދަ ހަމަލާތައް އަވަސް މައްސަލަތަކުގެ ގޮތުގައި ބައްލަވައި ދެއްވައި، ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. އަދި ގާނޫނު ހަދާ ފަރާތްތަކުން ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭ ގާނޫނުތައް އަވަހަށް ހަދައި ފާސްކޮށްދފިނުމަށް ވެސް ގޮވާލަމެވެ." ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާ، އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން ދިއެފްއެމްގެ ދެ ނޫސްވެރިއަކު ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އެ ސްޓޭޝަނަށް މަޖިލީހުން ދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލައި އެ ދެ ނޫސްވެރިން ދެއްކެވި ވާހަކައާ ގުޅިގެން ޖިނާއީ ތަހުގީގެއްކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅުމަކީ، ދައުލަތުގެ މަތީ ފެންވަރުގެ މުއައްސާސައެއްގެ ނިޔަތާ ދޭތެރޭ ސުވާލު އުފެދޭ ކަމެއް ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޖޭއޭގެ ނޫސްބަޔާން ނިންމާލާފައި ވަނީ ސިޔާސީ އެކިއެކި ފަރާތްތަކާއި އަމަން ބަލަހައްޓާ އިދާރާތަކުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން ނޫސްވެރިންނަށް ޖާގަދިނުމަށް އިލްތިމާސް ކުރާ ކަމަށް ގޮވައިލަމުންނެވެ.