10 Feb 2016, 15:56
ގދ. ގައްދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ވާ ނައްޓަން މޫދަށް އެރި އުޅުނު މީހަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުޅި އަޅައިގެން ވާ ނައްޓަން އެރި އުޅުނީ ތިން މީހަކު ކަމަށާއި ހާލު ދެރަވެގެން ދެ މީހަކު ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެކަކު މިހާރު މަރުވެފައިވާ ކަމަށް އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ގައްދޫ ކައުންސިލްގެ ރައީސް ސަން އަށް ވިދާޅުވީ އެ ހާދިސާގައި މަރުވެފައި ވަނީ ގައްދޫގެ ޒުވާނެއް ކަމުގައިވާ އަހްމަދު ރަޝީދު، 24 ކަމަށެވެ. އަދި މި ހާދިސާގައި އިތުރު ފަރުވާ ދެމުން އަންނަނީ ހަމަ އެރަށު އަހްމަދު އިބްރާހިމް، 35 އެވެ.
އަހްމަދު އިބްރާހީމްގެ ހާލުވެސް ސީރިއަސް ކަމަށް ކައުންސިލުން މައުލޫމާތު ދޭއިރު އޭނާ އިތުރު ފަރުވާއަށް އައްޑޫ ސިޓީގެ ޝަންގްރިއްލާގެ ޗެމްބަރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ހާދިސާ ހިނގާފައި ވަނީ ގައްދޫ ބޭރުގައި އަޅާފައި އޮތް ރެފް ކޫލް ޓްރެވަލް އެންޑް ޓުއާޒްގެ ސަފާރީގެ ނަގިއްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ނަގިލި ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
"ހެނދުނު ފުރަން ވެގެން އުޅެނިކޮށް ނަގިލީގެ މައްސަލަ ޖެހުނީ. ދެން ނަގިލި ނަގައިދޭން ގައްދޫގެ ކުދިބަޔަކަށް ގުޅައިގެން، ހަމަ އަގަށް. ދެން ކުދި ބަޔަކު މި ދިޔައީ ސަފާރީ އަށް. ނަގިލި ނަގަން ދިޔަ ގައްދޫ ދެކުދިން. އެ ދެ ކުދިންނަށް މައްސަލަ ދިމާވީވެސް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ނަގިލީގައި ފީފާ ޖެހުމުގެ މަސައްކަތް ކުރަމުން ދިޔައީ 70 މީޓަރު އަޑީގަ އެވެ.
"އަޑީގައި އުޅެނިކޮށް ދެ ކުދިންގެ ފުޅީގެ ވައި ހުސްވީ. ދެން އެއް ކުއްޖަކު ހާސްވެ އެނބުރެން ފެށީމަ އަނެއް ކުއްޖާ (ކައުންސިލަށް މައުލޫމާތު ދޭ ކުއްޖާ) އެރީ އޭނާ ގޮވައިގެން މައްޗަށް. އެވަގުތު އޭނަވެސް ސަކަރާތްވި. ދެން އޭނަ ދިޔައީ އަނެއް ކުއްޖާ ގޮވައިގެން މައްޗަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަހްމަދު ރަޝީދު މައްޗަށް ނެގުނީ ފަހުން ކަމަށާއި، އޭނާ ނެގުނު އިރު މުޅި މީހާ ހުއްޓިފައި ވާކަމަށް ކައުންސިލުން ބުނެ އެވެ. އޭނާާ ގައްދޫއަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށާއި ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔަ އިރު މަރުވެފައި ވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.