ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 16 މައްސަލައެއް މިމަހު ހުށަހަޅާފައިވާއިރު ކުޑަކުދިންނާ ބަދުއަޚްލާގީ ޢަމަލުތައް ގިނައިން ހިންގާފައިވަނީ ކުދިން ގެސްޓް ހައުސްތަކަށް ގެންގޮސްގެން ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އަލީ ޝުޖާއު މިއަދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ވަކި އުމުރަކަށް ޖިންސަކަށް ނުބަލާ ކަމަށާއި އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ވަރަށް ދަށްފެންވަރުގެ އަމަލުތައް އަންހެނުން ހިންގައިގެންވެސް ހުށަހަޅާފައިވާ ކަމަށެވެ.

މި މަހުގެތެރޭ ޖިންސީ ތަފާތު 27 މައްސަލަ އެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 16 މައްސަލަ އަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ އެވެ. ދެން އުޅެނީ ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ 11 މައްސަލަ އެކެވެ.

ޝުޖާޢު ވިދާޅުވީ ގިނަ ފަހަރަށް ކުޑަކުދިން ގެސްޓް ހައުސްތަކަށް ގެންގޮސްފައި ވަނީ ރައްޓެހި ކަމުގައި ނުވަތަ އިންޓަނެޓުން ޗެޓް ކޮށް، ރައްޓެހިވެގެން ފޯނު ކޮށްގެން ކަމަށެވެ. ގެސްޓް ހައުސްތަކަށް ގެންގޮސްފައި ހުރީ އުމުރުން 14 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން ކަމަށާއި ކުޑަކުދިން، ކުޑަކުދިންނާ އެކު ވެސް ގެސްޓް ހައުސް ތަކަށް ގޮސްފައިވާއިރު ފުރާވަރުގެ ކުދިން ބޮޑެތި މީހުންނާއެކު ގެސްޓް ހައުސް ތަކަށް ދާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގިނަފަހަރަށް އެފަދަ ޢަމަލުތައް ހިނގަނީ މައިންބަފައިންނާ ކުދިންނާ ދޭތެރޭ އޮންނަންޖެހޭ ގުޅުން ނެތުމުގެ ސަބަބުން ކަމަށާއި އަޅައިލަން ޖެހޭ ވަރަށް ކުދިންނަށް އަޅައިނުލެވުމުގެ ސަބަބުން ކަމަށެވެ.
ކުދިން އުޅެނީ ކޮންތާކުތޯ އާއި ކުދިން ޔުނީފޯމް އަޅައިގެން ދަނީ ކޮންތާކަށްތޯ ބެލެނިވެރިން ނުބެލުމުން އެ ކުދިން ގެސްޓް ހައުސްތަކަށް ޔުނިފޯމުގައި ގޮސްފައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލަތައް ހުށަހެޅުމުން އަޅުގަނޑުމެން ދިރާސާ ކުރިއިރު ކުޑަކުދިންގެ މައްސަލަ ތަކުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މައިންބަފައިން އެ ކުދިންނާ ދޭތެރޭ ބަހައްޓަންޖެހޭ ގުޅުން ނެތުމުގެ ސަބަބުން މިކަހަލަ ކަންތައްތައް ހިނގާފައި ހުރިކަން،" ޝުޖާޢު ވިދާޅުވި އެވެ.